Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ބަނދަރުތަކުން ފީ ނަގާނެ އުސޫލު އާންމުކޮށްފި

އައްޑޫގެ ބަނދަރުތައް ބޭނުންކުރާ އިރު، އުޅަނދުފަހަރުން ފީތައް ނަގާނެ އުސޫލު ކައުންސިލުން އާންމުކޮށް، އެއަށް އަމަލުކުރަން ފަށައިފި އެވެ.

އުސޫލުގައިވާ ގޮތުން މިއީ ކަނޑުތޮށީގައްޔާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި ދުއްވުމާއި އެޅުމާއި އެ ބޭނުންޔަކަށް ބަނދަރު ބޭނުންކުރާ އިރު ފީތައް ނަގާނެ އުސޫލެވެ. އަދި އެގޮތަށް ބަނދަރު ބޭނުން ކުރެވޭނީ އަވަށްތަކުގެ އަވަށު އޮފީސްތަކަށް ހުށަހަޅައި ހުއްދަ ހޯދައިގެންނެވެ.

މި އުސޫލުގެ ދަށުން ފައްތިޔާލުމަށް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500ރ. ދައްކަން ޖެހޭނެ އެވެ. އަދި އެ ހުއްދައިގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. އަދި ފައްތިޔާގެ ގޮތުގައި އެކި ސައިޒްގެ އުޅަނދުތަކުން ނަގާ އަގުތައް ތަފާތުވާނެ އެވެ.

* 29 ފޫޓުން ދަށުގެ އުޅަނދުތަކުން އަހަރަކު 250ރ.
* 39-59 ފޫޓާ ދެމެދުގެ އުޅަނދުތަކުން އަހަރަކަށް 500ރ.
* 60-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން އަހަރަކު 750ރ.
* 100 ފޫޓަށް ވުރެ ބޮޑު އުޅަނދުތަކުން އަހަރަކު 1،000ރ.

މީގެ އިތުރުން އެއްގަމު ތޮއްޓަށް ދިގަށްވާ ގޮތަށް އުޅަނދުތައް އައްސާ ނަމަ އެކަމަށް ވެސް ހުއްދަ ނަގަން ޖެހޭނެ އެވެ. އެ ހުއްދަ ދޫކުރާނީ 50ރ. އަށެވެ. އަދި އެގޮތަށް ބާއްވާ އުޅަނދުތަކުން ގަޑިއަކަށް ވަކި ވަރެއް ނަގަން ނިންމާފައިވެ އެވެ.

* 69 ފޫޓުން ދަށުގެ އުޅަނދުތަކުން ގަޑިއަކަށް 250ރ.
* 70-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން ގަޑިއަކަށް 400ރ.
* 100 ފޫޓަށް ވުރެ ދިގު އުޅަނދުތަކުން ގަޑިއަކަށް 1،000ރ.

މީގެ އިތުރުން މުދާ ބޭލުމާއި ބަރުކުރުމާއި އެހެނިހެން ބޭނުންތަކަށް އެއްގަމުތޮށި ބޭނުންކުރާ ނަމަ އައްސާފައި ބާއްބާ ވަގުތަކަށް ފީ ދައްކަން ޖެހޭނެ އެވެ.

* 69 ފޫޓުން ދަށުގެ އުޅަނދުތަކުން ގަޑިއަކަށް 250ރ.
* 70-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން ގަޑިއަކަށް 400ރ.
* 100 ފޫޓަށް ވުރެ ދިގު އުޅަނދުތަކުން ގަޑިއަކަށް 1،000ރ
.

ކައުންސިލުން ބުނި ގޮތުގައި 48 ގަޑިއިރަށް ވުރެ ގިނަ ވަގުތު އެއްގަމުތޮއްޓާއި ކަނޑުތޮށީގެ ހުރަހަށްވާ ގޮތަށް އުޅަނދުތައް އެޅޭނީ ވެސް 50ރ. ގެ ފީއެއްގެ ހުއްދައަކާ އެކީގަ އެވެ. އަދި އެފަދަ ހާލަތްތަކުގައި ނަގާނެ ފީތައް ވެސް ކަނޑައަޅާފައިވެ އެވެ.

* 69 ފޫޓުން ދަށުގެ އުޅަނދުތަކުން ގަޑިއަކަށް 250ރ.
* 70-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން ގަޑިއަކަށް 400ރ.
* 100 ފޫޓަށް ވުރެ ދިގު އުޅަނދުތަކުން ގަޑިއަކަށް 1،000ރ.

ކައުންސިލުން ބުނި ގޮތުގައި ބަނދަރުތަކުން ފީ ނަގާނެ ގޮތުގައި އުސޫލުގައި ނެތް ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމެއް ނިންމާނީ ކައުންސިލުންނެވެ. ބަނދަރުތަކުން ފީ ނަގާ އުސޫލަށް މިއަދުން ފެށިގެން ރަސްމީކޮށް އަމަލުކުރަމުން ގެންދާނެ އެވެ.