Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މިދިޔަ މަހު ރޯގާގެ 14،000 ކޭސް ރިޕޯޓުކުރި

ފާއިތުވި އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މިންވަރު އިތުރު ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި އަހަރާ އަޅައިބަލާއިރު ޑެންގޫ އަދި ޗިކުން ގުންޔާ ޖެހިގެން ރިޕޯޓު ކޮށްފައިވާ މިންވަރު ދާދި އެއްވަރެއްގައި ހުރި ނަމަވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރި މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ މަހު ރޯގާ ޖެހިގެން 14،399 މީހުން ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިދިޔަ ފެބްރުއަރީ މަހު ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 16،125 މީހުންނެވެ.

އެޗްޕީއޭ އިން ވަނީ މި ދުވަސްވަރު ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށާއި، ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމަށާއި، ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، ތިމާގެ މުލައްދަނޑިން އަތާއި، އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރެއްވުމަށް އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން ހުން އައިސް ކެއްސާނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.