އައްޑޫ މަރަދޫފޭދޫގައި އިންޑޯ ވޮލީ ކޮމްޕްލެކްސްއެއް ހަދަން ނިންމައި، އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
އެތަނުން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ކޮމްޕްލެކްސްގެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަަތު މި މަހުގެ 28 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށާއި އެކަމަޑް ރަޖިސްޓްރީ ވެސް ކުރަން ޖެހޭނެ ކަމަށެވެ.
ރަޖިސްޓްރޭޝަން ކުރިއަށް ދާނީ 300ރ. ގެ ފީއަކާ އެކު މިއަދުން ފެށިގެން މި މަހުގެ 19 އާ ހަމައަށެވެ.
ކައުންސިލުން ބުނި ގޮތުގައި އިންޑޯ ވޮލީ ކޮމްޕްލެކްސް ހަދަން ބީލަން ހުށަހަޅާ ފަރާތްތަކުން ބޮޑް ސެކިއުރިޓީގެ ގޮތުގައި 25،000ރ. ހުށަހަޅަން ޖެހޭނެ އެވެ. އަދި އޭގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހެވެ.
ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 28 ގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގަ އެވެ.
މަރަދޫފޭދޫގައި އިންޑޯ ވޮލީ ކޮމްޕްލެކްސްއެެއް ހަދަން ނިންމި އިރު، އެ އަވަށުގެ ޒުވާނުންގެ މަރުކަޒުގެ އިންޑޯގައި މިހާރު ވެސް ތަފާތު ކުޅިވަރުތައް ކުޅެ އެވެ.
ވޮލީ އަކީ ކުރިން އައްޑޫގެ ދެ ޖިންސްގެ މީހުންގެ މެދުގައި ވަރަށް ފޯރިގަދަ ކުޅިވަރެކެވެ.