Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

މަސްވެރިންގެ ޝަކުވާތަކާ އެކު، ހުރިހާ މަހެއް ކިރަނީ!

ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ، މަސްވެރިން ބާނާ މަސްކޮޅު ނުކިރުމުގެ ޝަކުވާ ހައްލުކޮށް ހުރިހާ މަހެއް ކިރާދޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

މަސްވެރިންގެ ޝަކުވާތަކާއި ގުޅިގެން ސަރުކާރުން ރޭ ބުނީ މަސްނުކިރިގެން މަސްވެރިންގެ ހުރި ޝަކުވާތައް އަޑުއެހުމަށްފަހު،
ސަރުކާރާއި މިފްކޯގެ މަޝްވަރާގެމަތިން މަސްވެރިންގެ ދަތިތަކަށް ޙައްލު ހޯދުމަށްފަހު އަލުން މަސްކިރަން ފަށާފައިވާ ކަމަށެވެ.

މިގޮތުން މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން ވަނީ އިމްޕްލިމެންޓޭޝަން ޕްލޭން އެއް ހަދާފައެވެ. އަދި، މަސްވެރިންނަށް ކިއު އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތައް މަސްކިރޭނެ އިންތިޒާމްތައް ކޫއްޑޫގައި ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ. މި ޕްލޭންގެ ދަށުން މަސްކިރޭނެ ތަރުތީބާއި ދުވަސް އެ މަސްވެރިންނަށް ވަނީ އަންގާފައެވެ. މިވަގުތު ކޫއްޑޫ ފަޅުގައި އޮތް ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަސްކިރޭނެ
ކަމަށް ސަރުކާރުން ބުނެއެވެ.

ފާއިތުވި ފަސް ދުވަހު ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވުމާއި ގުޅިގެން މިފްކޯގެ މަސް ގަންނަ ކެޕޭސިޓީއަށް އޮބި ނޯވެގެން މަސް ގަތުން ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ކިއު ހަދައި ކޮންމެ ދޯންޏަކުން 5 ޓަނު މަސް ގަންނަ ގޮތަށް މިފްކޯއިން ނިންމުމާއި ގުޅިގެން މަސްވެރިން ވަނީ އިހްތިޖާޖު ކުރަން ފަށާފައެވެ.

މަސްވެރިންގެ އިހުތިޖާޖާއި ގުޅިގެން ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ މިދިޔަ އާދީއްތަ ދުވަހު މަސްވެރިންނާއި ބައްދަލުކޮށް ރަނގަޅު ހައްލެއް ހޯދައިވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހައްލެއް ނުލިބި މަސް ނުކިރުމުގެ ސަބަބުން އިއްޔެ މެންދުރުން ފެށިގެން މަސްވެރިންވަނީ މުޒާހަރާ ފަށާފައެވެ.

މިފްކޯ ފެކްޓަރީ ހުންނަ ކޫއްޑޫގައި މަސްވެރިން މުޒާހަރާ ފެށުމުން އެތަނަށް އެސްއޯ ފުލުހުން ވަނީ ގޮސްފައެވެ.