Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ކެންސަރު ހޮސްޕިޓަލްގެ މަސައްކަތަށް ތައްޔާރު ވަނީ

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ލ. ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށް ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންސަރު ހޮސްޕިޓަލާ ގުޅޭގޮތުން ސުވާލު ކުރައްވާފައިވަނީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، އިންޑިއާ ސަރުކާރުގެ އެހީގައި ލ. ގަމުގައި އެޅުމަށް ނިންމާފައިވާ 50 އެނދުގެ ކެންސަރު ހޮސްޕިޓަލުގެ ފީޒިބިލަޓީ ސްޓަޑީ ލިބި އެ ރިޕޯޓަށް ސަރުކާރުގެ ފަރާތުން ކޮމެންޓް ކޮށްފައިވާ ކަމަށެވެ.

"އެހެންކަމުން މި ޕްރޮޖެކްޓުގެ މަސައްކަތްތައް ފެށުމުގެ ތައްޔާރީތައް މިހާރު ކުރެވެންމުން އެބަދޭ." މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލަކީ އިންޑިއާގެ އެހީއާއެކު އަޅާ ސްޕެޝަލިސްޓް ހޮސްޕިޓަލެކެވެ. ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ 2000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

މި ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ލ.ގަމު ކައުންސިލާ ބައްދަލުކުރައްވާ ރައީސް ސޯލިހްވެސް ވިދާޅުވިއެވެ.