Last Updated: June 13, 11:19
Saturday, June 13, 2026
ޚަބަރު

އިންތި ކެމްޕޭން ފޯރީގައި މިހާރު ތ. އަތޮޅުގައި

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކެމްޕޭނަށް ތ. އަތޮޅަށް ވަޑައިގެންފިއެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، އިންތި އަންނަނީ ކެމްޕޭނަށް ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރައްވާ ދޮރުން ދޮރަށް ހަރަކާތް ހިންގަވަމުންނެވެ.

ކެމްޕޭނަށް އިންތި މިހާރު ތ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވާއިރު، އިންތިގެ އަރިހުގައި އެމްޑީޕީ ނައިބު ރައީސް ޝިފާޒް އަދި މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

އިންތިގެ ކެމްޕޭންގައި އެންމެބޮޑަށް ދައްކަވަމުން އަންނަ އެއް ވާހަކައަކީ ރައީސް ނަޝީދު އެކަހެރި ނުކޮށް ރައީސް ނަޝީދާއެކު މަސައްކަތް ކުރައްވާނެ ވާހަކައެވެ. އަދި ޕާޓީގެ އަސްލު އުސޫލުތަކަށް ރުޖޫއަކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

އިމްތިޔާޒް ފަހުމީއާ މި އިންތިހާބުގައި ވާދަކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ. މީގެއިތުރުން އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވަނީ މެމްބަރު ރޮޒައިނާ އާދަމާއި ސަފާތު އަހުމަދު ޒާހިރެވެ.

ފައްޔާޒްވެސް އަންނަވަނީ ރަށްތަކަށް ދަތުރުކުރައްވާ ކެމްޕޭން ކުރިއަށް ގެންދަވަމުންނެވެ.

މި ކެމްޕޭންގެ ތެރޭގައި އެމްޑީޕީގެ މަޖިލީހުގެ މެމްބަރުން ދެބަޔަކަށް ބެހިފައިވާއިރު މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރުން ވަނީ އިތުރުވެފައެވެ.