ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އިންޓަނެޓު ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ.
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަކީ މުސާރަ ލިބޭ ފަރާތްތަކަށާއި ރިޓަޔަމަންޓް ޕެންޝަން ލިބޭ ފަރާތްތަކަށް 300،000 ރުފިޔާއާ ހަމަޔަށް ދޫކުރާ ފައިނޭންސިންގ އެކެވެ. މި ގޮތުން ތަކެތި ގަތުމުގެ ފުރުސަތާއި ކަސްޓަމަރު ބޭނުންނަމަ ފައިސާވެސް ދޫކުރާނެއެވެ.
މަހުން މަހަށް މުސާރަ ނުލިބޭ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މައިކްރޯ މެދުވެރިކޮށް 25،000 ރުފިޔާއާ ހަމަޔަށް ފައިސާ ދޫކުރާނެއެވެ.
ޕަރސަނަލް ފައިނޭންސް އަދި ޕަރސަނަލް ފައިނޭންސިންގ މައިކްރޯ އަށް ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ހިދުމަތް ފޯރުކޮށްދެނީ ތަވައްރުގް އުސޫލުންނެވެ.