ރާއްޖޭގެ ދެކުނުގައި މަސްވެރިކަން ތަރައްގީކޮށް ފުޅާކުރަން ޕްލޭންތަކުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ދެކުނުގައި ގާއިމުކުރާ މަސްވެރިކަމުގެ ވަސީލަތްތަކުގެ އަމަލީ މަސައްކަތްތައް ދެން މާ ލަހެއް ނުވާނެ ކަމަށާއި މަސްވެރިންގެ އަތުން މަސް ގަތުމަށް އިތުރު ފެސިލިޓީތަކއް ވެސް ގާއިމުކުރެވޭނެ ކަމަށެވެ. އެގޮތުން ގދ. ތިނަދު އާއި މ. މުލަކުގައި ފިޝަރީޒް ކޮމްޕްލެކްސް ތަރައްހީކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުން ކަމަށް ވިދާޅުވި އެވެ.
ފައުޒީ ވިދާޅުވީ ކޫއްޑޫގެ ތަރައްގީ އަށް ކުރެވޭ މަސައްކަތުގެ ތެރޭގައި އެތަނުގެ ބަނދަރު ތަރައްގީކުރުމާއި، ކޯލްޑު ސްޓޯރޭޖު ބޮޑުކުރުން ހިމެނޭ ކަމަށެވެ. އަދި މިއާ އެކު މަސް ގަނެވޭ މިންވަރު އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކޫއްޑޫގެ ބަނދަރުގެ މަސައްކަތް ޓެންޑަރަށްލުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ރޯދަމަސް ނިމުމުގެ ކުރިން ޓެންޑަ ބޯޑުން މި މަސައްކަތް އިޢުލާންކުރާނެ،" ފައުޒީ ވިދާޅުވި އެވެ. "އަދި ކޯލްޑު ސްޓޯރުގެ މަސައްކަތާއި އިތުރު ފެސިލިޓީތަކުގެ މަސައްކަތްތައް ފެށުމަށް، ބޭނުންވާ މަސައްކަތްތަށް ކުރިއަށް އެބަދޭ."
ކޫއްޑޫގައި މިހާރު ހަދާފައި ވަނީ 2،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އެކަމަކު އަލަށް ކުރެވޭ މަސައްކަތުގެ ތެރެއިން 4،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހަދާނެ އެވެ.
ތިނަދޫގައި 1،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހަދަން ހަމަޖެހިފައިވާ އިރު، މ. މުލަކުގައި ހަދާނީ 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މީގެ އިތުރުން ފެލިވަރާއި ކޫއްޑު އަާއި ކަނޑުއޮތްގިރި ފެސިލިޓީ އަޕްގްރޭޑްކޮށް، ތިނަދު އާއި މުލަކުގައި އައު ސްޓޯރޭޖް ފެސިލިޓީ ގާއިމްކޮށް ނިމުމުން، މިފްކޯ އަށް މަސްގަނެވޭ މިންވަރު ދުވާލަކަށް 61 ޕަސެންޓަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.