Last Updated: July 12, 14:13
Sunday, July 12, 2026
ކުޅިވަރު

"ފީފާ ޕްލަސް" ގެ ނަމުގައި ސްޓްރީމިން ހިދުމަތެއް

މި އަހަރު ވޯލްޑް ކަޕް ވެސް ގަތަރުގައި ބާއްވަން ތައްޔާރު ވަމުން އަންނަނިކޮށް ދުނިޔޭގެ ފުޓްބޯޅައި މައި ޖަމިއްޔާ، ފީފާ އިން މުޅިން ހިލޭ ސްޓްރީމްކުރެވޭ ހިދުމަތެއް "ފީފާ ޕްލަސް" ގެ ނަމުގައި ލޯންޗްކޮށްފި އެވެ.

އެތަނުން ބުނީ މި ޕްލެޓްފޯމް މެދުވެރިކޮށް ލައިވް މެޗްތަކާއި ކުރީގެ ކޮންޓެންޓްތަކާއި އޮރިޖިނަލް އެހެނިހެން ގިނަ ކޮންޓެންޓްތައް ވެސް ހިލޭ ސްޓްރީމްކުރެވޭނެ ކަމަށެވެ. "ފީފާ ޕްލަސް" ގެ ކޮންޓެންޓްތައް މައިގަނޑު ފަސް ބަހަކުން ބެލޭނެ އެވެ. އޭގެ ތެރޭގައި އިނގިރޭސި، ޖަރުމަން، ފްރެންޗް، ސްޕެނިޝް އަދި ޕޯޗްގީޒް ބަސް ހިމެނެ އެވެ، އަދި ކުރިއަށް އޮތް ތަނުގައި ކޮންޓެންޓްތައް ބަލާލެވޭ ބަސްތައް އިތުކުރާނެ ކަމަށް ވެސް ބުންޏެވެ.

ފީފާ އިން ބުނި ގޮތުގައި މެމްބަރު 100 އެސޯސިއޭޝަނާއި އަދި ހަ ކޮންފަޑޭރޭޝަން ކަޕާ އެކު އަހަރެއްގެ ތެރޭގައި "ފީފާ ފްލަަސް" އިން އަހަރަކު 40،000 ލައިވް މެޗް ސްޓްރީމްކުރާނެ އެވެ. އޭގެ ތެރޭގައި ފިރިހެނުން 29،000 މެޗާއި އަންހެން ކުޅުންތެރިންގެ 11،000 މެޗް ހިމެނެ އެވެ.

އަލަށް ތައާރަފުކުރި ސްޓްރީމިން ޕްލެޓްފޯމުން ގެނެސްދޭން ހަމަޖެހިފައިވާ އޮރިޖިނަލް ކޮންޓެންޓްގެ ތެރޭގައި ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ބެހޭ ފިލްމަކާއި ބްރެޒިލްގެ ތަރި ޑާނީ އަލްވެސްއާ ބެހޭ ޑޮކިއުމަންޓަރީއެއް ވެސް ހިމެނެ އެވެ.

"ފީފާ ޕްލަސް" ފޯނާއި ކޮމްޕިއުޓަރުން ވެސް ބަލާލެވޭނެ އެވެ. އަދި ގޫގުލް ޕްލޭ އާއި އެޕް ސްޓޯރުން އެ ޑައުންލޯޑްކުރެވޭނެ އެވެ. މީގެ ފުރަތަމަ މަހުގެ ތެރޭގައި އެކަނި ވެސް 1،400 މެޗް ލައިވްކޮށް ސްޓްރީމްކުރެވޭނެ އެވެ.

މިހާރު މުޅިން ހިލޭ ބަލާލެވޭ ގޮތަށް "ފީފާ ޕްލަސް" ދޫކުރި ނަމަވެސް ފަހުން އެ އުސޫލަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް އޭގެ ހެޑް ޗާލޮޓް ބާ ވިދާޅުވި އެވެ.

"މިއަށް ލިބޭ ތަރުހީބަށް ބަލާފައި ބަދަލުތަކެއް އައުން އެކަށީގެންވޭ." އޭނާ ވިދާޅުވި އެވެ.