އައްޑޫގެ ބައެއް ރަށްރަށުގެ ވެލި މަގުތައް ވަރަށް ބޮޑަށް ހަލާކުވެ، ވަޅުގަނޑުތައް ހެދި ވިއްސާރައިގައި ފެން ބޮޑުވަމުންދާ އިރު، ގިނަ ދުވަސްތަކެެއްގެ މެދުކެނޑުމަކަށް ފަހު މަގުތައް އެއްވަރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މަސައްކް ކުރަމުން އަންނަ ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން ބުނީ މިއަދު މަސައްކަތް ކުރިއަށް ދަނީ ފޭދޫގައި ކަމަށެެވެ. އެގޮތުން ފޭދޫގެ ބައެއް ބޮޑެތި މަގުތައް އެއްވަރު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެސްޔޫއެލް އިން ބުންޏެވެ.
ފޭދޫ މަގުތައް ނެހެދި އާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) ވެސް ވަނީ މީގެ ކުރިން މިކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެސްޔޫއެލް އިން ހަމައެކަނި އިސްކަން ދެނީ ހިތަދޫގެ މަގުތަކަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް އާންމުކޮށް ފެނޭ ހިތަދޫގެ މަގުތަކުގެ މަސައްކަތް ކުރިއަށްދާ ތަން. އެހެން ނަމަވެސް ފޭދު އާއި އެެހެން ރަށްރަށުގެ މަގުގެ މަސައްކަތެއް ކުރިއަކަށް ނުދޭ،" އޭނާ ވިދާޅުވި އެވެ. "މިވާހަކަ އަޅުގަނޑުމެން ވާނެ އެސްޔޫއެލް އާ ވެސް ހިއްސާކޮށްފައި. މަގުތައް ނެހެދި ދިގުލައިގެން ދިއުމުން މަގުތަކުގެ ހާލަތު މި އޮންނަނީ ވަރަށް ބޮޑަށް ދަށްވެފައި."
އެސްޔޫއެލް އިން ބުނީ މަސައްކަތް ކުރިއަށް ގެންދިއުމުގައި ވަކި ރަށަކަށް އިސްކަންދޭ އުސޫލެެއް ނުގެންގުޅޫ ކަމަށެވެ. އަދި ވަސީލަތްތައް ހުރި ވަރަކުން ހުރިހާ ރަށެއްގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.