Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ޒަކާތުގެ ގޮތުގައި 8 ލައްކަ ރުފިޔާ ލިބިއްޖެ

ޒަކާތް ދެއްކުން ކުރިއަށްދަނީ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރޯދަ މަހުގެ ފުރަތަމަ 11 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 878،646.00 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހާތަނަށް 19،523 މީހުން ޒަކާތް ދައްކާފައިވާއިރު މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުތަކަށް ޒަކާތް ދައްކާފައިވަނީ 4956 މީހުން ކަމަށެވެ. އަދި އޮންލައިންކޮށް 14،567 މީހުން ޒަކާތް ދައްކާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ފާއިތުވި ރޯދަ މަހުގެ ފުރަތަމަ 11 ދުވަހު ޒަކާތުގެ ގޮތުގައި 899،031.00 ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެ އެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި 20،863 މީހުން ޒަކާތް ދައްކާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ޒަކާތް ބަލައިގަތުން އިސްލާމިކް މިނިސްޓްރީގެ ހޯލުން ވެސް ކުރިއަށްގެންދާއިރު މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށެވެ. މިނިސްޓްރީން ޒަކާތް ބަލައިގަންނަމުން ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އަކުން މެންދުރު 1 ޖެހުމާ ހަމައަށެވެ.

ފިޠުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށް ވެސް ހަމަޖެހިފައިވާއިރު، ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ 28 ވަނަ ދުވަސް މި މަހުގެ 29 އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެ އެވެ.

ފިޠުރު ޒަކާތް ބަހާނީ ރަމަޟާންމަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ފިޠުރު ޒަކާތް ދޭނީ ފަޤީރުންގެ ލިސްޓުގައިވާ މީހުންނަށެވެ. މިއަހަރުގެ ފަޤީރުންގެ ލިސްޓުގައި ހިމެނެނީ 8984 މީހުންނެވެ.

ފިޠުރު ޒަކާތް ދެއްކުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ.