Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެމްޑީޕީގެ ދަފުތަރަކު ޕީޕީއެމްގެ ބަޔަކު ނުތިބޭނެ

އެމްޑީޕީގެ ދަފުތަރުގައި ޕީޕީއެމްގެ މެމްބަރުން ނުތިބޭނެ ކަމަށާއި މިދިޔަ މަހުގެ ތެރޭގައި ވޯޓާސް ލިސްޓް ނެރުނީ ވެސް އޭގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނެފައި ވަނީ އަންނަ މަހު ބާއްވާ ޕާޓީގެ އެތެރޭގެ އިންތިހާބުގެ މަގާމުތަކުގެ ތެރެއިން ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ދަފުތަރުގައި ޕީޕީއެމްގެ 20،000 މީހުން އެބަތިބި ކަމަށާއި އެ މީހުން އިންތިހާބުގައި ވޯޓް ވެސް ލާނެ ކަމަށެވެ.

"މި ޕާޓީގެ ރައީސް ކަނޑައަޅަން ނޫނީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން ނޫނީ މި ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ނިކުންނަ ކެންޑިޑޭޓް ކަނޑައަޅަން ޕީޕީއެމްގެ 20،000 މީހުންނަށް އެބަ ވޯޓުލެވޭ،" އދ. ރިނބިދޫގައި ފައްޔާޒް ވިދާޅުވި އެވެ. "އެހެންވީމަ އެ މީހުންނަށް އެބަ ނިންމޭ އެ މީހުންނާ ވާދަކުރަން އަޅުގަނޑުމެން ތެރެއިން ނިކުންނާނީ ކާކުކަން. އެހެންވީމަ އެ މީހުންނެއް ނޫންތޯ މި ޕާޓީގައި ގޮތް ނިންމަނީ."

ފައްޔާޒްގެ މި ވާހަތަކާ ގުޅިގެން އެމްޑީޕީ އިދާރީ ގޮތުން ހިންގެވުމާ ހަވާލު ހުންނެވި ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވީ ނެރެފައި ވަނީ ސައްހަ ލިސްޓެއް ކަމަށާއި އޭގައި އެމްޑީޕީގެ ސައްހަ މެމްބަރުން ނޫން ބަޔަކު ނުތިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ލިސްޓާ އެއްކޮށް ޝަކުވާއަށް ހުޅުވާލި ކަމަށާއި އެހެންވެ ލިސްޓް ފައިނަލްކުރީ ބަލަންވާ ވަރަށް ބެލުމަށް ފަހު ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ލިސްޓާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ލިސްޓާ ވެސް އަޅާކިޔާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެހެންވެ ފައްޔާޒު ވިދާޅުވި ފަދަ މައްސަލައެއް ވޯޓާސް ލިސްޓްގައި ނުހުންނާނެކަން ކަށަވަރު ކަމަށް ނިޔާޒު ވިދާޅުވި އެވެ.

އެމްޑީޕީން އާންމުކުރި ވޯޓާސް ލިސްޓްގައިވާ ގޮތުން ޕާޓީގެ މެމްބަރުންގެ އަދަދު 94،000 އަށް ވުރެ ގިނަ އެވެ. އެކަމަކު އީސީން ބުނެފައި ވަނީ ފެބްރުއަރީ 15 ހެ ނިޔަލަށް އެމްޑީޕީގައި ތިބީ 54،782 މެމްބަރުން ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 14 ގަ އެވެ. މި އިންތިހާބުގެ ވާދަވެރިކަން ފައްޔާޒާއި އިމްތިޔާޒު ފަހުމީ (އިންތި) އާ ދެމެދު ބޮޑުވެ، ޕާޓީ އޮތީ "ދެ ފަޅި" ވެފަ އެވެ.