Last Updated: April 18, 17:55
Thursday, April 18, 2024
ޚަބަރު

މާލެ އާއި ހުޅުމާލޭގެ ބައެއް ދިމާތަކުގައި ކަރަންޓެއް ނެތް

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިވަގުތު ވަނީ ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

އެމައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓް ކެނޑިފައިވާ ސަރަހައްދުތަކަށް މިހާރު ކަރަންޓު ދެމުން އަންނަކަމަށެވެ.

ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މަޝްރޫއުގެ ދަށުން މާލެ، ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ވަނީ ގުޅާލާފައެވެ. މި ޕްރޮޖެކްޓްގެ ދަށުން ވަނީ ރާއްޖޭގައި މިހާތަނަށް ބަހައްޓާފައިވާ އެންމެ ބޮޑެތި ޓްރާންސްފޯމަރުތައްވެސް ބަހައްޓާފައެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާފައިވާއިރު، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓާފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.