އައްޑޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފި އެވެ.
އެމްއެންޕީން ނެރެފައިވާ ބަޔާނެއްގައި ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގަމުންދާ ކުޑަކުދިންނަށް ކުރެވޭ އަނިޔާގެ ތަފާތު އެކި މައްސަލަތަކުގައި އެކަށީގެންވާ އިންސާފު ޤާއިމުނުކުރެވުމަކީ އެމްއެންޕީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
އެގޮތުން އައްޑޫގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައަކީ އެއްގޮތަކަށްވެސް އެމްއެންޕީއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެޕާޓީން ބުނެފައިވެއެވެ.
އެމްއެންޕީން ބުނެފައިވަނީ އެމައްސަލައިގައި ޤާނޫނުތަކުން އެކަށައަޅާފައިވާ އިންސާފާއި ރައްކާތެރިކަން ޤާއިމްކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ހަލުވިމިނެއްގައި އެޅުމަށް ގޮވައިލާ ކަމަށެވެ.
"އަދި މިފަދަ ހައްސާސް މައްސަލަތަކުގައި ކުޑަ ކުއްޖަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެއްވެސް ކަމެއްގައި ލަސްކަމެއް އައުމަކީ މިޕާޓީއަށް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ." އެމްއެންޕީން ބުންޏެވެ.
އައްޑުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މުޒާހަރާތައްވެސް ބާއްވާފައިވެއެވެ. އަދި އެ މައްސަލަ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ.
އެ މައްސަލާގައ ހައްޔަރުކުރި ދުވަސްވީ އަންހެން މީހާ ދޫކޮށްލަން ގޮވާލައި ސޮއިކުރި ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހާއި އެޗްއާރްސީއެމާއި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލަށް އިއްޔެ ވަނީ ހުށަހަޅައިފަ އެވެ.