ރާއްޖޭގެ އިގްތިސާދީ ދުވެލި ބާރު ނަމަވެސް، ދަރަނި ބޮޑުވުމަކީ ކަންބޮޑުވުމެއް ކަމަށް ވާލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިގްތިސާދީ އަޕްޑޭޓުގައި ބުނެފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވި މިނެއްގައި އިއާދަވަމުން އައުމުގެ ސަބަބުން 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 7.6 އިންސައްތައިގައި ކުރިއަރައި އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2023 ވަނަ އަހަރު އިއާދަވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި، ނަމަވެސް ރާއްޖޭގެ ދަރަނި ބޮޑުވުމަކީ ކަންބޮޑުވުމެއް ކަމަށް ވާލްޑް ބޭންކުން ބުނެފައިވެއެވެ.
މިއަދު ނެރުނު 'މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް'ގައި ވަނީ، މެދުރާސްތާގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރުގަދަވާނެ ކަމަށް ލަފާކުރެވޭއިރު، 2023 ވަނަ އަހަރު ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް، ޖީޑީޕީގެ ނިސްބަތުން ގިނަ އަދަދަކަށް ތެޔޮ އެތެރެކުރުމާއި ރަޝިއާ އާއި ޔޫކްރެއިންއިން އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމާއި ދަރަނީގެ ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ސަބަބުން ރާއްޖެއަށް ނާޒުކު ހާލަތެއް ކުރިމަތިވެފައިވާކަން ފާހަގަކޮށްފައިވެއެވެ.
އެގޮތުން ދުނިޔޭގެ ހަކަތައިގެ އަގުތައް އިތުރަށް އުފުލިގެން ދިއުމަކީ ރާއްޖެއިން އިތުރު މާލީ ބުރައެއް އުފުލަން ޖެހިދާނެ ކަމެއް ކަމަށާއި، ރަޝިއާ އާއި ޔޫކްރެއިންގެ ޓޫރިސްޓުންގެ އަދަދު ދިގު މުއްދަތަކަށް މަދުވުމާއި ކޮވިޑް-19ގެ އާ ރާޅުތަކުގެ ސަބަބުން ޓޫރިޒަމަށް ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޒަމާނުއްސުރެ ހިއްސާވާ ގައުމުތަކުންނާއި އާ މާކެޓުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމުގެ ކޮންމެވެސް ވަރެއްގެ އުއްމީދެއް އޮތްކަންވެސް ފާހަގަކޮށްފައިވެއެވެ.
"ފަތުރުވެރިކަން ބާރަށް ކުރިއެރުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އިއާދަވާ މިންވަރު މައްޗަށް ދާނެ ކަމަށް ބެލެވޭއިރު، 2023 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިޤްތިޞާދު ކޮވިޑްގެ ކުރިން ހުރި މިންވަރަށް ދާނެ ކަމަށް ލަފާކުރެވޭ. ނަމަވެސް، މާލީ ހާލަތު ދެމެހެއްޓެނިވި މިންވަރެއްގައި ދެމެހެއްޓުމަށްޓަކައި ވަރަށް ބޮޑަށް ދަރަނި މެނޭޖްކުރުން ކޮންމެހެން ވެސް މުހިންމު،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވިއެވެ.
ފަތުރުވެރިކަމަށް ބަރޯސާވުމާއި އެހެން ދާއިރާތަކަށް އިގްތިސާދު ފުޅާކުރަން ހުރި ފުރުސަތުތައް ހަނިވުމަކީ ވެސް ނިޒާމީ ގޮތެއްގައި ހުރި ގޮންޖެހުންތަކެއް ކަމަށްވެސް ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވިއެވެ.
"ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރާއްޖެއަށް އެއްބާރުލުން ދީ، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކޮށް، ފެހި، ކާރިސާތަކަށް ތައްޔާރުވެފައި އޮންނަ އަދި އެންމެންގެ ބައިވެރިވުން އޮންނަ ތަރައްގީގެ މަގެއް ހޯދުމަށް އަޅުގަނޑުމެން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނަން."
މިއަދު ނެރެފައިވާ އެންމެ ފަހުގެ 'ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް ރީޝޭޕިން ނޯމްސް: އަ ނިއު ވޭ ފޯވާޑް'ގައި އަންދާޒާކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގެ އިގްތިސާދު 2022 ވަނަ އަހަރު 6.6 ޕަސެންޓް އަދި 2023 ވަނަ އަހަރު 6.3 ޕަސެންޓް ކުރިއަރާނެއެވެ. 2022 ވަނަ އަހަރުގެ ސަރަހައްދީ އަންދާޒާ، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރި އަސަރުތަކުގެ ސަބަބުން ޖަނަވަރީ މަހުގެ އަންދާޒާއާ އަޅާބަލާއިރު 1.0 ޕަސަންޓް ދަށްކޮށް ވަނީ މުރާޖައާ ކުރެވިފައެވެ.
ދެކުނު އޭޝިޔާގެ ގައުމުތަކުން މިހާރު ވެސް ދަނީ ތަކެތީގެ އަގުތައް އުފުލެމުން ދިއުމާއި ސަޕްލައިގެ ދަތިކަމާ އަދި މާލީ ދާއިރާތަކުގެ ނާޒުކުކަމާ ކުރިމަތިލާންޖެހިފައި ކަމަށް އަންދާޒާގައި ބުނެފައިވެއެވެ. ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި ގޮންޖެހުންތައް އިތުރުވެ، ތަކެތީގެ އަގުތައް އިތުރަށް އުފުލި އަދި މާލީ ހާލަތު މިހާރަށް ވުރެ ގޯސްވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.