Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

އަވަށު ބޯޑު އުފެއްދީ ގާނޫނާ ހިލާފަށް: ހައި ކޯޓް

އައްޑޫ ސިޓީ ކައުންސިލުން އުފެއްދި އަވަށު ބޯޑުތަކަކީ ގާނޫނާއި ހިލާފަށް އުފައްދާފައިވާ ބޯޑުތަކެއް ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި އެވެ.

ހިތަދޫ ނޫރު ވާދީ އިބްރާހިމް ރަޝީދު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލާގައި އަވސު ބޯޑުތައް އުފައްދާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައޅުމާއި ގުޅިގެން އެހުކުމް ހައިކޯޓުގައި ކައުންސިލުން އިސްތިއުނާފް ކުރުމާއި ގުޅިގެން މި ކަމާއި ގުޅޭ ފުރަތަމަ އަޑުއެހުން ހައި ކޯޓުގައި ބާއްވާފައިވަނީ މިއަހަރު ޖެނުއަރީ 22 ވަނަ ދުވަހު އެވެ.

އެދުވަހުގެ ޝަރީއަތުގައި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލުތަކަށް އައްޑޫ ސިޓީ ކައުންސިލްގެ ގާނޫނީ ވަކީލް އަހުމަދު ހަބީބްއަށް ވަނީ ޖަވާބުދާރީ ނުވެވިފައެވެ. އެގޮތުން އަވަށު ބޯޑު އުފެއްދީ ކިހިނެއް ކޮން ގޮތަުން ކާކުގެ ހުއްދަލިބިގެންތޯ ކުރި ސުވާލަށް ހަބީބް ޖަވާބުދާރީވެފައިވަނީ އަވަށު ބޯޑު އުފެއްދީ ލޯކަލް ގަވަމެންޓް އޮތޯރިޓީ(އެލްޖީއޭ) ގެ ހުއްދައިގެ ދަށުން ކަމަށެވެ. ނަމަވެސް އެކަމަށް އެލްޖީއޭއިން ހުއްދަދިންކަން ހަބީބްއަށް ސާބިތު ކޮށް ދެވިފައި ނުވެއެވެ.

ހައި ކޯޓުން މި މައްސަލައިގެ ހުކުމް އިއްވަމުން ބުނެފައިވަނީ އައްޑޫ އަވަށު ބޯޑުތައް އުފެއްދީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަށް ތާއީދުކުރާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން އަވަށު ބޯޑުތައް އުފައްދައި ރައީސުންނާއި ނައިބް ރައީސުން އައްޔަން ކޮށްފައިވާއިރު ރައީސްއަށް 12،000 (ބާރަ ހާސް) ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ދެއެވެ. އަދި ނައިބުންނަށް 10،000 (ދިހަ ހާސް) ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ދެއެވެ.

އަވަށު ބޯޑުގެ ރައީސުންނާއި ނައިބުންނަށް ބޮޑު މުސާރައެއް ދޭއިރު އެމީހުން ކުރާ އެއްވެސް މަސައްކަތެއް ކައުންސިލް އޮނިގަނޑިގައި ނުވެއެވެ. އެހެންވެ އެމީހުން ތިބެނީ ކައުންސިލަރުންނާއި ސިވިލް ސާވިސް ދެމެދު ތާށިވެފައެވެ.