ހުޅުމީދޫގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވުމަށް "މީދޫ އެކުވެރިންގެ ޗެއިން" އާއި "މުލިމަތި ޔުނައިޓެޑް" އިން ހިންގި ފަންޑްރައިޒިން ހަރަކާތުން ލިބުނު ފައިސާ އަށް ހިޔާނާތްތެރިވީ މީހަކު ހުޅުމީދޫ ޕޮލިހުން ހައްޔަރުކޮށްފި އެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ގ. ބެރުގޭ، ޝަހީޒު އަބްދުﷲ އެވެ. އޭނާއަކީ މޯލްޑިވްސް ޑިސެބިލިޓީ ފެޑެރޭޝަނުގެ ފަރާތުން ހުޅުމީދޫގައި ހަރަކާތްތެރިވަމުން އަންނަ މީހެކެވެ.
ޝަހީޒު ހައްޔަރު ކުރީ ޗޭނު ޖަމިއްޔާ އާއި މުލިމަތި އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ހުޅުމީދޫ ސްޓޭޝަނުން ގުޅިގެން ކުރިއަށް ގެންދިޔަ ފަންޑް ރައިޒް ހަރަކާތުން ލިބުނު 24،384ރ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބަހަން ނިންމާ ފައިސާއަށް ވީ ނުވީއެއް ނޭގުމުގެ ސަބަބުންނެވެ.
ފައިސާ އާއި ބެހޭގޮތުން ޝަހީޒު އާއި ސުވާލު ކުރަމުން ދަނިކޮށް އިއްޔެ ރޭ ބަޔަކު އޭނާއަށް ވަނީ ހަމަލާ ދީފައެވެ. ޝަހީޒު ބުނީ ހަމާލާ ދިން މީހުން ފައިސާ ފޭރިގެންފައިވާ ކަމަށެވެ.

ހުޅުމީދޫން ވާހަކަ ދެއްކި މީހަކު ބުނީ ހުޅުމީދޫގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ލިސްޓް ނެގުމަށްފަހު ފައިސާ ހަވާލުކުރުމަށް ޝަހީޒް އާއި ފައިސާ ހަވާލުކުރުމުން އެފައިސާ ކުދިންނާއި ހަވާލު ނުކޮށްގެން ސުވާލު ކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް ފައިސާ ގެއްލިފައިވާ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ތަހްގީގު ކުރަމުން އަންނަ އިރު ޝަހީޒް ވަނީ ޑރ. އިބްރާހިމް ދީދީގެ އަތުން ނުކުޅެދުން ހުންނަ ކުދިންނަށް ދޭންކަމަށް ބުނެ 10،000 ރުފިޔާ ހޯދާފައެވެ. އަދި އައްޑޫ ސިޓީ ކައުންސިލަށްވެސް ފައިސާ ހޯދުމަށް ވަނީ ސިޓީ ހުށަހަޅާފައެވެ.