Last Updated: July 12, 14:13
Sunday, July 12, 2026
ދުނިޔެ

އީލޮން ޓްވިޓާ ގަންނަން ހުށަހަޅައިފި

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް ޓްވިޓާ ގަންނަން ހުށަހަޅައިފި އެވެ.

އީލޮން ޓްވިޓާ ގަންނަން ހުށަހަޅާފައިވާ އިރު މިދިޔަ ހަފުތާގައި އޭނާ ވަނީ ޓްވިޓާގެ 9.2 ޕަސެންޓް ހިއްސާ 2.89 ބިލިއަން ޑޮލަރަށް ގަނެފަ އެވެ. އީލޮން އަކީ ޓްވިޓާގެ އެންމެ ގިނަ ހިއްސާ ކޮންޓްރޯލްކުރާ ހަމައެކަނި ފަރުދެވެ.

އީލޮން ޓްވިޓާ ގަންނަން ހުށަހަޅާފައި ވަނީ ހިއްސާއަކަށް 54.20 ޑޮލަރުގެ މަގުން ޖުމްލަ 41 ބިލިއަން ޑޮލަރަށެވެ.

އީލޮން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިއީ އޭނާގެ އެންމެފަހު ހުށަހެޅުން ކަމަށާއި މި ހުށަހެޅުން ގަބޫލުނުކޮށްފިނަމަ ޓްވިޓާގެ ހިއްސާދާރެއްގެ ގޮތުގައި ހުރުމާމެދު އިތުރު ވިސްނުމަކަށް ދާނެ ކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޓްވިޓާގެ 9.2 ޕަސެންޓް ހިއްސާ ގަތުމާ ގުޅިގެން އޭނާ މި ހަފުތާގެ ހޮނިހިރުން ފެށިގެން ރަސްމީކޮށް ބޯޑް މެމްބަރެއްގެ ގޮތުގައި މަސައްކަތް ފަށާ ގޮތަށް އޮތަސް، ބޯޑްގައި އީލޮން ނުހިމެނޭކަން، މިދިޔަ އަހަރު ޓްވިޓާގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތް ޕަރާގް އަގަރަވާލް ވިދާޅުވި އެވެ.

ޓްވިޓާގެ 9.2 ޕަސެންޓް ހިއްސާ ގަތުމާ ގުޅިގެން ޓްވިޓާގެ ބޯޑު މެމްބަރެއްގެ މަގާމު ވެސް އީލޮން އަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް އެ ހުށަހެޅުން އޭނާ ގަބޫލުކޮށްފައެއް ނުވެ އެވެ.

މިލްކިއްޔާތު 274.3 ބިލިއަން ޑޮލަރަށް އަރާ އީލޮން އަކީ ސްޕޭސް އެކްސް އާއި ޓެސްލާގެ ވެސް ވެރިޔާ އެވެ.