Last Updated: April 28, 11:06
Sunday, April 28, 2024
ޚަބަރު

އައްޑޫގެ ޖިންސީ ގޯނާ: 21 ދުވަސް، "ހޭ" ވެސް ނާހާ!

އައްޑޫ ސިޓީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް 21 ދުވަސްވީއިރު ވެސް އެއްވެސް ސުވާލެއް މިހާތަނަށް ނުކުރާ ކަމަށް އޭނާގެ ދިފާއީ ވަކީލު ވިދާޅުވެއްޖެ އެވެ.

ސްކޫލުގައި ކިޔަމުންދާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހްމަތުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ހިތަދޫއިން ހައްޔަރުކޮށްފައިވަނީ ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މީހެކެވެ. އުމުރުން 59 އަހަރުގެ އެ އަންހެން މީހާ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ނެރުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

އެހެން ނަމަވެސް މިހާތަނަށް އައިރުވެސް ތަހްގީގުގައި އެއްވެސް ސުވާލެއް ކޮށްފައިނުވާކަން ކަން ހާމަކޮށް އޭނާގެ ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ކުރި ޓުވީޓެއްގައި ވިދާޅުވީ "ތަހުގީގަށް ބަންދުކުރިތާ 21 ދުވަސް ވީއިރުވެސް ފުލުހުން "ހޭ" ވެސް އަހާނުލާކަމަށެވެ.

ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި އެ އަންހެން މީހާ ބަހައްޓާފައިހުރި މިހާތަނަށް ތަހްގީގުގައި ސުވާލުކޮށްފައިނުވަނީ ކީއްވެ ކަމެއް ސާފެއްނުވެ އެވެ.

އެ އަންހެން މީހާ ބަންދުގައި ބަހައްޓަން ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރަން އަންހެން މީހާގެ ފަރާތުން ހައިކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް މިހާރުވަނީ ނިމިފަ އެވެ. ދެން އޮންނާނީ އެ މައްސަލައިގައި ހުކުމްކުރުމެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުންކުރި އަމުރު ބާތިލް ކުރަން ހައިކޯޓަށް ހުށައަޅާފައިވާއިރު ދިފާއީ ވަކީލް ޝަމީލް ވިދާޅުވީ އެ މައްސަލައިގައި ފާހަގަކުރެވޭ މައްސަލަތައް އެބަހުރި ކަމަށާއި އެކަން ކަން ހާމަކުރެވެން ނެތީ މައްސަލައިގެ ޒާތުގެ ގޮތުންކަމަށެވެ.

ޖިންސީ ގޯނާކުރުމުގެ ތުހްމަތުގައި ހައްޔަރުކޮށްފައިވާ އެ އަންހެން މީހާ ވަނީ ފްރޭމްމޮށްފައިކަމަށް އެމީހާގެ އާއިލާ މީހުންނާއި ބައެއް މީހުން ގެންދަނީ ބުނަމުންނެވެ.އެ މީހާ ބަންދުކޮށްފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ވަނީ ބަލަން ފަށާފަ އެވެ.