Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ތިނަދޫ ސަރަހައްދީ ބަނދަރުގެ މަސައްކަތް ކުރިއަށް

ގދ. ތިނަދޫގައި ހަދާ ސަރަހައްދީ ވިޔަފާރި ބަނދަރުން އަންނަ އަހަރުގެ ކުރީކޮޅު ބޭނުންކުރަން ފެށޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ޕޯޓުގެ ޔާޑު މަސައްކަތާއި، ފެންސިންއާއި، ޕޭވްމަންޓުގެ މަސައްކަތް މިހާރު ނިމިފައިވާ އިރު، މިހާރު ކުރިއަށްދާ މަސައްކަތްތައް ނިމުނުހާ އަވަހަކަށް އެ ޕޯޓުން ޚިދުމަތްދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު އެމްޓީސީސީ އާ ހަވާލުކުރެވިގެން ކުރިއަށް މިގެންދަނީ އެޑްމިން ބިލްޑިން އާއި ވެއާ ހައުސް އާއި ސެކިއުރިޓީ ބިލްޑިންގެ މަސައްކަތް،" ޝާހިދު ވިދާޅުވި އެވެ. "އެ މަސައްކަތް މި ބަލަނީ އަންނަ އަހަރު ކުރީކޮޅު ހިސާބަށް ނިމޭނެ ކަމަށް. މަސައްކަތް ނިމޭހާ އަވަހަކަށް އެ ޕޯޓުގެ ޚިދުމަތްތައްވެސް ފަށައި ގަންނާނަން."

ބޭރުން އަންނަ ބޯޓު ފަހަރަށް ސީދާ ބަނދަރުކުރެވޭ ފެންވަރުގެ ސަރަޙައްދީ ބަނދަރެއް ހުވަދޫގައި ތަރައްގީކުރުމުގެ އެމްޓީސީސީން ފެށީ މި އަހަރުގެ ޖެނުއަރީ 27 ގަ އެވެ. މި ބަނދަރަކީ 17.86 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ ތަނެކެވެ.

ސަރަހައްދަކީ ބަނދަރު ހަދާ ތިނަދު އަކީ އެ އަތޮޅުގެ ވިޔަފާރީގެ މައި މަރުކަޒު ވެސް މެ އެވެ.

ރާއްޖޭގައި މިހާރު ވެސް ސަރަހައްދީ ބަނދަރެއް އެބައޮތެވެ. އެއީ އައްޑޫ ހިތަދޫ ސަރަހައްދީ ބަނދަރާއި ހދ. ކުޅުދުއްފުށީ ސަރަހައްދީ ބަނދަރެވެ.