ޓްވިޓާގެ ހިއްސާ ގަތްތާ މާ ގިނަ ދުވަހެއް ނުވަނީސް އެ އެއްކޮށް ގަންނަން އިއްޔެ ހުށަހެޅި ނަމަވެސް އެކަން ކާމިޔާބުވެދާނެ ކަމުގެ މާ ބޮޑު ޔަގީން ކަމެއް ނެތް ކަމަށް ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް ބުނެފި އެވެ.
އޭނާ ޓްވިޓާ ގަންނަން ހުށަހެޅީ ހިއްސާއަކަށް 54.20 ޑޮލަރުގެ މަގުން 41 ބިލިއަން ޑޮލަރަށެވެ. މީގެ ދުވަސްކޮޅެއް ކުރިން ޓްވިޓާގެ 9.2 ޕަސެންޓް ހިއްސާ އީލޮން ގަތީ 2.89 ބިލިއަން ޑޮލަރަށެވެ. އެއާ އެކީ އޭނާވެފައި ވަނީ ޓްވިޓާގެ އެންމެ ގިނަ ހިއްސާ ކޮންޓްރޯލްކުރާ ހަމައެކަނި ފަރުދަށެވެ.
ޓްވިޓާ ގަންނަން އިއްޔެ ހުށަހެޅިތާ 24 ގަޑިއިރު ވެސް ނުވަނީސް ކެނެޑާގެ ވެންކޫވާގައި ފެށި "ޓެޑް 2022 ކޮންފަރެންސް" ގައި އީލޮން ވިދާޅުވީ އެ ގަންނަން ހުށަހެޅި ނަމަވެސް އެކަން ކާމިޔާވެދާނެކަމާ މެދު ޝައްކު ކަމަށެވެ.
"އެކަމަކު އަހަރެންގެ ހުށަހެޅުން ޓްވިޓާ އިން ބޮލާލާ ޖަހައިފި ނަމަ ޕްލޭން ބީއެއް ވެސް އެބައޮތް." އޭނާ ވިދާޅުވި އެވެ.

އެކަމަކު ޕްލޭން ބީ ކޮބައި ކަމެއް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ ޓްވިޓާ މިހާރަށް ވުރެ ހާމަކަން ބޮޑު އެއްޗަކަށްވާން ޖެހޭ ކަމަށާއި އެ މެދުވެރިކޮށް ހިޔާލު ފާޅުކުރުމުގައި ހިފަހެއްޓުންތަކެއް އެބަހުރި ކަމަށެވެ.
"އެހެންވީމަ އަހަންނަށް ގަބޫލުކުރެވެނީ ޓްވިޓާ މިހާރަށް ވުރެ ބޮޑަށް ހުޅުވިފައި އޮތް އެއްޗަކަށްވުން ވަރަށް މުހިއްމުހެން." ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ ވިދާޅުވި އެވެ. "ޓްވިޓާ ގަންނަން ބޭނުންވީ ޑިމޮކްރަސީއަށްޓަކައި."
އީލޮން ޓްވިޓާ ގަންނަން ހުށަހެޅުމާ ގުޅިގެން އޭގެ ސީއީއޯ ޕަރާގް އަގަރްވާލް މިހާރު ވަނީ އެކަން މުވައްޒަފުންގެ ސަމާލު ކަމަށް ވެސް ގެންނަވައިފަ އެވެ. އަދި ހުށަހެޅުން އިވެލުއޭޓްކުރަމުން އަންނަ ކަމަށާއި އެ ހުށަހެޅުމަކީ "ބަނދަވުމެއް" ކަމަށް ވެސް ނުދެކޭ ކަމަށް ވިދާޅުވި އެވެ.
ޓްވިޓާ އަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެވެ. އެ ވުޖޫދަށް އައީ މީގެ 16 އަހަރު ކުރިން 2006 ގަ އެވެ.