Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ގިނަ މީހުން އަޅުކަމުގައި ހޭދަކުރާ ވަގުތު ކުޑަ

އިންސާނުންގެ ތެރޭގައި މިހާރު ގިނަ ގިނައީ އަޅުކަމުގައި ހޭދަކުރާ ވަރަށް ވުރެ އާދަކާދަތަކަށް ވަގުތު ހޭދަކުރާ މީހުންކަމަށް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެ އެވެ.

"ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން" މި މައުޟޫއަށް ރޭގެ އިހުޔާ ފޯރަމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވާފައި ވަނީ ހަވާލުކުރެވިފައިވާ ގިނަ ކަންތައްތަކަކާ އެކީގައި ކަމަށެވެ. އެގޮތުން އަޞްރު ސޫރަތަށް ބައްލަވާލައްވަމުން ވިދާޅުވީ ޒަމާނަކީ އަޅުގަނޑުމެންގެ ޢުމުރު ކަމަށެވެ.

އިންސާނުން ކުރާ ދެ ވައްތަރެއްގެ ކަންކަން ވާކަމަށާއި އެއީ އަޅުކަމާއި އާދަކާދަކަން ފާހަގަކުރައްވައި، އެތަނުން ގިނައީ އަޅުކަމުގައި ހޭދަކުރާ ވަރަށްވުރެ އާދަކާދަތަކަށް ވަގުތު ހޭދަކުރާ މީހުންކަމަށް ވިދާޅުވި އެވެ.

ނަމަވެސް އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ކަމެއްވެސް ހެޔޮ ނިޔަތަކާއިއެކު އަޅުކަމަކަށްވާ ފަދައިން އެ ކަމެއް ކޮށްފި ނަމަ އެއީ އަޅުކަމެއް ކަމުގައި ހިމެނިދާނެ ކަމަށް ވިދާޅުވި އެވެ.

ޑރ. ޒަކަރިއްޔާ ވަނީ ދުނިޔޭގައި މަޝްހޫރުވަމުން އަންނަ ކަމެއް ކަމަށްވާ އިންސާނުންގެ ސިފަ އެކި ގޮތްގޮތަށް ބަދަލުކުރުމާއި ބެހޭ ގޮތުންވެސް ވާހަކަފުޅު ދައްކަވައިފައެވެ. ޖިސްމާނީ ރީތި ކަމަށް ދުނިޔޭގައި ހޭދަކުރާ މިންވަރުގެ މައްޗަށް ތަފާސްހިސާބުތަކުގެ އަލީގައި ބައްލަވާލައްވަމުން އެކަމަށް އެތައް ބިލިޔަން ޑޮލަރެއް ދުނިޔޭގައި ހޭދަކުރާ ކަމަށް ވިދާޅުވިއެވެ.

އެކަމަކު މާތްﷲ އިންސާނާ ހަލްގުކުރައްވާފައި ވަނީ އެންމެ ރީތި ސޫރައިގައިކަމަށް ވިދާޅުވިއެވެ.

އިންސާނާގެ ނަފްސާއި ރޫޙަކީ ކޮބައި ކަންކަމާއި ޖިސްމާއި ފުރާނަ ޙިމާޔާތްކުރުން ވާޖިބުވެގެންވާކަން ބަޔާންކުރައްވަމުން ޖިސްމާއި ނަފްސަކީ އަމާނާތެއް ކަމަށާއި ވިދާޅުވި އެވެ.

އަދި އުފާވެރި ހަޔާތެއް ހޭދަކުރެވޭނީ ހަޔާތުގެ މަދު މިންވަރާ މެދު ވެސް ފުދުންތެރިވެ ޝުކުރުވެރިވާނަމަ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.