Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

އަގްސާ މިސްކިތުގެ ދިފާއުގައި މުސްލިމް އުންމަތް ތެދުވަންޖެހޭ

އަގްސާ މިސްކިތުގެ ދިފާއުގައި މުސްލިމު އުންމަތް ތެދުވަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވެފައިމިވަނީ ރޭ ފަލަސްތީންގެ ރައްޔިތުން ފަތިސް ނަމާދު ކުރަން އަލް އަގްސާ މިސްކިތުގައި ތިއްބާ އިސްރާއީލް ސިފައިން ވަދެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީ އެ މިސްކިތުގައި ތިބި މީހުންނަށް ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އަނިޔާތައް ލިބިފަ އެވެ.

ޝަހީމް މިއަދު ވިދާޅުވީ، އަލް މަސްޖިދުލް އަޤުޞާގެ ތެރެއަށް އިސްރާއީލްގެ ސިފައިން ވަދެ ހިންގަމުންދާ އަނިޔާވެރި އުދުވާނީ އަމަލުތައް ކުށްވެރިކޮށް، އަޤުޞާ މިސްކިތުގެ ދިފާއުގައި މުސްލިމު އުންމަތް ތެދުވަންޖެހޭ ކަމަށެވެ. އަދި އިސްރާއީލްގެ އެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ ހިލާފު ޢަމަލުތަކެއް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

އިސްރާއީލު ސިފައިން ކޮންމެ އަހަރެއްގެ ރޯދަ މަހު ގުދުސްގެ އަލް އަގްސާ މިސްކިތް ހުންނަ ސަރަހައްދުގައި އަންނަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ރޯދަ މަހު އަގްސާ މިސްކިތް ހުންނަ ސަރަހައްދުގައި ހަމަނުޖެހުން އުފެއްދުމުގެ އިތުރުން އިސްރާާއީލުން ވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ކަމަށް ބުނެ ގައްޒާ އަށް ވައިގެ ހަމަލާތަކެއް ވެސް ދީފަ އެވެ.

ގައްޒާ ކޮންޓްރޯލްކުރާ ހަމާސްޖަމާއަތާ ދެކޮޅަށް ކަަމަށް ބުނެ އިޒްރޭލުން ދޭން ފެށި އެ ހަމަލާތައް ފަހުން ދަނީ ރެފިއުޖީ ކޭމްޕްތަކަށް ވެސް އަމާޒުކޮށްފަ އެވެ.