Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ބައި އިލެކްޝަނުން ފުރުސަތު ގެއްލުނީ ކަރަންޓު ކެނޑުމުން

މެމްބަރު އަލީ ނިޔާޒް--

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ނުލިބުނީ ކަރަންޓު ކެނޑުމުން ކަމަށް އެމްޑީޕީން ބުނެފި އެވެ.

ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީ އަށް ގެއްލުނީ ވާދަކުރަން ހުށަހަޅަން އިލެކްޝަން ކޮމިޝަން (އީސީ) އިން ދިން ސުންގަޑި އިއްޔެ ހަމަވި އިރު، އެ ޕާޓީން ވާދަކުރަން ހުށަހަޅާފައި ނުވާތީ އެވެ. އަންނަ މަހުގެ 16 ގައި ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރަން ހުށަހެޅީ ޕީޕީއެމާއި އެމްއެންޕީ އެވެ.

މިކަމާ ގުޅިގެން އޮންލައިން ނޫސް "ދައުރު" އަށް ދީފައިވާ އިންޓަވިއުއެއްގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ބައި އިލެކްޝަނަށް ކެންޑިޑޭޓް ކަނޑައެޅުމުގައި ލަސްތަކެއް ދިމާވި ކަމަށާއި އިންތިހާބުގައި ވާދަކުރަން ފޯމަ ހުށަނޭޅުނީ އެވަގުތު މާލެއިން ކަރަންޓު ކެނޑިފައި ހުރުމުން ކަމަށެވެ. އަދި އެއީ ސަބަބެއް ކަމަށް ގަބޫލުކުރަން އީސީން ބޭނުން ނުވި ކަމަށްވެސް ނިޔާޒު ވިދާޅުވި އެވެ.

އެ ބައި-އިލެކްޝަނަށް ފޯމު ހުށަހަޅަން ދިން ސުންގަޑި ހަމަވީ އިއްޔެ މެންދުރު 12:00 އަށެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވަނީ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އާމިނަތު އީމާން، 29، އެކްސިޑެންޓެއްގައި މިދިޔަ މަހު މަރުވުމާ ގުޅިގެންނެވެ.