އިންސާނަކު ދުނިޔެއަށް އުފަންވުމަށްފަހު އޭނާގެ ޙަޔާތަށް އެކިއެކި މަރުޙަލާތަކެއް އައުދެ އެވެ. މި މަރުޙަލާތަކުގެ ތެރެއިން އެންމެ މުހިންމު މަރުޙަލާ އަކީ ޒުވާންކަމުގެ މަރުޙަލާ އެވެ. ޒުވާންކަމުގެ ދުވަސްވަރެވެ.
މާތް ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުތަކަށް ނަޒަރު ހިންގައިލުމުންވެސް މިކަން ވަރަށް ބޮޑަށް ސާފުވާނެއެވެ. އެގޮތުން، ޤިޔާމަތްދުވަހުން ޢަރްޝީގެ ހިޔާވަހިކަން ލިބޭ ހަތް މީހުންގެ ތެރޭގައި މާތް ﷲ އަށް އަޅުކަން ކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާގެ ވާހަކަ ހިމެނިފައިވެ އެވެ. ހަމައެހެންމެ، އިންސާނާ މަރުވުމަށްފަހު، ޤިޔާމަތްދުވަހުން އޭނާއާ ހަތަރު ސުވާލެއް ކުރެވި، އެ ސުވާލުތަކަށް އޭނާ ޖަވާބު ދީފުމަށްދާންދެން އޭނާގެ ފައި ހުރިތަނުން ގުޑުވައި ނުލެވޭކަމަށް އައިސްފައިވާ ޙަދީޘްފުޅުގައިވެސް ޒުވާންކަމާ ބެހޭގޮތުން ސުވާލު ކުރެވޭނެ ކަމަށް ބަޔާންކުރައްވާފައިވެ އެވެ.
މި ޙަދީޘްފުޅުގައި އިތުރަށް ފާހަގަކުރެވޭ ކަމަކީ، އެ ހަތަރު ކަންތަކުގެ ތެރޭގައި ޢުމުރާ ބެހޭގޮތުން ސުވާލު ކުރެވެއެވެ. ޒުވާން ދުވަސްވަރަކީ ޢުމުރުގެ ބައެކެވެ. ނަމަވެސް، ޢުމުރާ މެދު ސުވާލު ކުރެވި، އަދި ޒުވާންކަމާމެދު ވަކިން ސުވާލު ކުރެވުމުން އެއިން އެނގިގެން ދަނީ ޒުވާންކަމުގެ ދުވަސްވަރުގެ މުހިންމު ކަމެވެ. އެ ދުވަސްވަރުގެ ޒިންމާ ބޮޑު ކަމެވެ. ޒުވާނުންގެ މުހިންމު ކަމެވެ.
އިސްލާމީ އުންމަތުގެ މައިބަދައަކީ ޒުވާނުންނެވެ. އުންމަތް ނަގައި ކޮޅަށް ޖެހޭނީ ޒުވާނުންނަށެވެ. އުންމަތުގެ ކުރިމަގު އުޖާލާ ކުރެވޭނީ ޒުވާނުންނަށެވެ. ވުމާއެކު، ޒުވާނުންނަކީ ބޭކާރުގޮތުގައި ވަޤުތު ހޭދަކޮށް، ބޭކާރު ކަންކަމުގަޔާއި ކުޅިމަޖަލުގައި ސައުވީސް ގަޑި ހޭދަކުރާ ބަޔަކަށް ވެގެން ނުވާނެ އެވެ.

މާތް ނަބިއްޔާ ﷺ އަށް އިސްލާމް ދީނުގެ ރިސާލަތު ލިބިވަޑައިގަތުމާއެކު، އެކަލޭގެފާނަށް އެންމެ ބޮޑަށް އިޖާބަދެއްވި ބޭކަލުންނަކީ ޒުވާން ޞަޙާބީ ބޭކަލުންނެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހު، އުންމަތާއިގެން ތެދުވެ ވަޑައިގެން ދުނިޔޭގެ ހަ ބިތަށް އިސްލާމްދީނުގެ އަލިގަދަ ނޫރު ފެތުރުއްވެވީ އެބޭކަލުން ކުރެއްވި ފުތޫޙާތުތަކުންނެވެ. އެއިގެ ތެރޭގައި ހަތަރު ޚަލީފާއިންނާއި، ދުނިޔެ މަތީގައި ތިއްބަވަނިކޮށް ސުވަރުގޭގެ މަތިވެރި ނިޢުމަތުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ބޭކަލުން ހިމެނިވަޑައިގަންނަވަ އެވެ.
މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢަށް ވެސް ބޭނުން ވަނީ އެފަދަ ޒުވާނުންތަކެކެވެ. ދިވެހި އިސްލާމީ އުންމަތް އެބަޔެއްގެ ބުރަކަށި މަތީގައި ނަގައި ކޮޅަށްޖަހައި އުފުލާނެ ބަޔެކެވެ. ޤައުމުގައި ގެއްލިފައިވާ އިސްލާމީ ތަޢުލީމާއި، ތަރުބިއްޔަތާއި، އަޚްލާޤިއްޔާތު ހިފަހައްޓައި ދިރުވާނެ ޒުވާނުން ކޮޅެކެވެ. ޤައުމު ވަނީ ޒުވާނުންނަށް ބޭނުން ޖެހިފަ އެވެ.
އުންމަތް ވަނީ ޒުވާނުންނަށް ބޭނުން ޖެހިފަ އެވެ. ވަޤުތު ބޭކާރު ކޮށް ނާޗަރަންގީ ކުޅެން ހަދައިގެން އަޅުގަނޑުމެންނަށް ދެ ދުނިޔެއިން ވެސް ލިބުން އޮތީ ގެެއްލުމާއި ހަލާކެވެ.
ނޯޓް: މިއީ ޝެއިހް ޝަފީއު އަބްދުﷲ ގެ ލިޔުއްވުމެކެވެ. ރޯދަ މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ޝަފީއުގެ މިފަދަ އާޓިކަލްތައް ކޮންމެ ދުވަހަކު ވެސް "އައްޑޫ ލައިވް" ގައި ގެނެސްދެވޭނެ އެވެ.