Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

93 ވަނަ ފަހަރަށް ހައްޔަރު، މި ފަހަރު ވަގަށް ޖޫސް ކޭހެއް

މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި 92 ފަހަރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މި ރޯދަ މަހު މާލޭގެ މިސްކިތަކުން ވަގަށް ޖޫސް ކޭހެއް ނަގައިގެން ހައްޔަަރުކޮށްފި އެވެ.

ފުލުހުން ބުނީ 22 އަހަރުގެ އެ ޒުވާނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިއުމުން މިދިޔަ ބުދަ ދުވަހު ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. ޖޫސް ކޭސް ވަގަށް ނެގި ކަމަށް ވެސް ކޯޓްގައި އޭނާ އެެއްބަސްވެފައިވެ އެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.

ފުލުހުން ބުނި ގޮތުގައި ތަކުރާރުކޮށް ކުރިން އެތައް ފަހަރެއްގެ މަތިން ހައްޔަރުކުރި މީހާ ކުރިން ހައްޔަރުކުރި މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެއްޗާއި ހަތިޔާރު ބޭނުންކޮށްގެން ވައްކަމާއި ފޭރުމުގެ މައްސަލަތަކާއި ފިހާރަތަކާއި ގެތަކުން ވައްކަން ކުރުން ފަދަ މައްސަލަތައް ހިމެނެ އެވެ.

ކޯޓުން އޭނާގެ ބަންދުގައި ބަހައްޓަން މި ފަހަރު މުއްދަތު ޖަހައިދިނީ ދޫކޮށްލައިފި ނަމަ މުޖުމަތައަށް ނުރައްކާވެދާނެ ކަމަށް ގަބޫލުކުރެވޭތީ އެވެ.