Last Updated: June 13, 09:53
Saturday, June 13, 2026
ޚަބަރު

މާލެ އަތޮޅު އެމްޑީޕީގެ ހަރަކާތްތަކަށް ހިންގާލަން ޖެހޭ: ފައްޔާޒް

މާލެ އަތޮޅުގެ އެމްޑީޕީގެ ހަރަކާތްތައް އިތުރަށް ހިންގާލަންޖެހޭ ކަމަށް އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މާލެ އަތޮޅުގެ ރަށްތަކަށް ކެމްޕޭނަށް ކުރެއްވި ދަތުރުފުޅަށްފަހު ކުރެއްވި ޓްވީޓެއްގައި ފައްޔާޒް ވިދާޅުވީ، މާލެ އަތޮޅު އެމް.ޑީ.ޕީގެ ހަރަކާތްތައް އިތުރަށް ހިންގާ ޕާޓީގެ މެންބަރޝިޕް އިތުރު ކުރަންޖެހޭކަން ރަށްތަކަށް ދެވުމުން ވަރަށް ސާފުކޮށް މެންބަރުން ބުނެފައިވާކަމަށެވެ.

"މިއަތޮޅަކީ އިޤްތިޞާދީ ގޮތުން ވަރުގަދަ އަތޮޅެއް. މާލެ އަތޮޅު މާބޮޑަށްވެސް ހިންގާލަން ޖެހޭ" ފައްޔާޒްގެ ޓްވީޓްގައިވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ފައްޔާޒް ވާދަކުރައްވާއިރު، ދެން އެމަގާމަށް ކުރިމަތިލައްވާފައިވަނީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އެވެ.

އިންތި ވެސް އަންނަނީ ކެމްޕޭން ހަރަކާތްތައް އެކި ރަށްރަށުގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިވަގުތު އިންތި ކެމްޕޭނަށް ލ. އަތޮޅުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.