Last Updated: April 29, 12:51
Monday, April 29, 2024
ޚަބަރު ހައި ކޯޓު

130 ކިލޯ ޑްރަގްސް: ބޮޑުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި ފަށަނީ

ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ ދެމީހުން --

ހުޅުމާލެ ފަޅުތެރޭގައި އޮތް ކަންނެލިން ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އިސް ދެ މީހުން ބޭސްފަރުވާ އަށް ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ 130 ކިލޯ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ދެ ފަރާތް ކަމަށްވާ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ)އެވެ. މިދެމީހުން ދޫކޮށްލީ ޝަރުތުތަކާއެކު ދެ މަސް ދުވަހަށެވެ.

މި ދެމީހުން ދޫކޮށްލި މައްސަލަ ޕީޖީން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ހައިކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ފެށުމަށްވަނީ ނިންމާފައެވެ. އެގޮތުން އާދީއްތަ ދުވަހުގެ މެންދުރު 12:00 އަށް މި ދެ މީހުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ވަނީ ހައިކޯޓުގައި ތާވަލުކޮށްފައެވެ.

މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ. އެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުއްޓާ މިމައްސަލައިގައި ހައްޔަރުކުރި ޝަހީބް މީގެކުރިންވެސް ދޫކޮށްލިއެވެ. އެހެންނަމަވެސް އެ ފަހަރު އޭނާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ. އަދި ހައިކޯޓުގައި އެ ނިންމުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފައިވެއެވެ.