Last Updated: June 13, 09:53
Saturday, June 13, 2026
ޚަބަރު

މެމްބަރުން ފައްޔާޒަށް ތާއީދުކުރަން މަޖުބޫރެއް ނެތް: އިކްރާމް

މެމްބަރު އިކްރާމް ހަސަން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ގެނައުމަށް ތާއީދުކުރަނީ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް މިހެން ވިދާޅުވެފައިވަނީ ފުވައްމުލަކުގައި ރޭ ކުރިއަށްގެންދިޔަ ފައްޔާޒްގެ ކެމްޕޭން ހަފްލާއެއްގައި އެމްޑީޕީގެ މެމްބަރުން ބައިވެރިވި ފޮޓޯތަކާއެކު ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓްގައި އިކްރާމް ވިދާޅުވީ ޗެއާޕާސަން ކަމަށް ފައްޔާޒް އަދި އަންހެނުންގެ ރޫހުގެ ރައިސްގެ މަގާމަށް ރޮޒައިނާ ގެނައުމަށް، އެމްޑީޕީގެ 40 އަށްވުރެއް ގިނަ މަޖިލިސް މެމްބަރުން އަދި ދާއިރާ ރައީސުންގެ ބޮޑު މެޖޯރިޓީއެއް ތާއީދުކުރަނީ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށެވެ. އަދި އެއީ އެމްޑީޕީ ހިންގާލަން ބޭނުންވެ އަދި އެކަން ކުރެވޭނީ ފައްޔާޒާއި ރޮޒައިނާއަށް ކަމަށް ގަބޫލުކުރެވޭތީ ކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

މޭ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވަނީ ފައްޔާޒްގެ އިތުރުން މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

ދެބޭފުޅުންވެސް ކެމްޕޭން ހަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދަމުން އަންނައިރު ކެމްޕޭންގެ ފޯރި ގަދަވެ އެމްޑީޕީގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކޮށްހަދައެވެ.