Last Updated: June 13, 09:53
Saturday, June 13, 2026
ޚަބަރު

އިންޑިއާގެ މުސްލިމުންނާ ދެކޮޅު ކަންކަން ކުށްވެރިކުރަން ގޮވާލައިފި

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ޕީޕީއެމް

އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުން އަންނަ ކަންކަން ދިވެހި ސަރުކާރުން ކުށްވެރިކުރުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިންޑިއާގެ މަދްޔަޕްރަދޭޝް ގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން، މަދްޔަޕްރަދޭޝްގެ ހޯމް މިނިސްޓަރގެ އަމުރަށް އެ ހަމަނުޖެހުމުގައި ބައިވެރިވި ކަމަށް ބުނާ މުސްލަމުންގެ އެތައް ބަޔަކު ޤާނޫނާއި ޚިލާފަށް ހައްޔަރުކޮށް އެހިސާބުގައި ދިރިއުޅޭ މުސްލިމުންގެ ގެދޮރަށް ގެއްލުންދީ، ސުންނާފަތި ކުރަމުން ގެންދާތީ އެކަމާމެދު ކަންބޮޑުވާ ކަމަށެވެ.

އެކަންކަން ކުށްވެރިކޮށް އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ އަމަލުތަކަކީ ބައިނަލްއަޤްވާމީ މުއާހަދާތަކާއި ދެކޮޅަށް އިންޑިއާ ސަރުކާރުގެ ފަރާތުން މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ އަމަލު ހިންގަމުން ގެންދިއުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މުސްލިމުންނާއި ދެކޮޅު ލާއިންސާނީ އަނިޔާވެރި ޢަމަލުތަކެއް އިންޑިއާ ސަރުކާރުން ހިންގަމުން ގެންދާއިރު މިކަންކަމާއި ދެކޮޅަށް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ ހަނު ތިބުން އެއީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މިޤައުމުގެ ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނާނޭ ކަމެއް ނޫނެވެ." އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅުން ވަނީ މިއަމަލުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން އަޑު އުފުލުމާއެކު، ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަމަށް މިކަންކަން ގެނައުމުގައި ދިވެހި ސަރުކާރު އިސް ނެގުމަށް ގޮވާލާފައެވެ.