Last Updated: April 28, 20:21
Sunday, April 28, 2024
ޚަބަރު

އައްޑޫގެ ޖިންސީ ގޯނާ: އަންހެން މީހާގެ ބަޔާން ނަގައިފި

އައްޑޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައި ހައްޔަރުކުރި އަންހެން މީހާގެ ބަޔާން ފުލުހުން މިއަދު ނައިފި އެވެ.

ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި ހުރި އަންހެން މީހާގެ ބަޔާން މިއަދު ހެނދުނު ނަގާފައިވަނީ މާލެއިން ދިޔަ ތަހްގީގު ޓީމްގެ ދެ ފުލުހުންނެވެ. އެމިހާގެ ބަޔާން ނަގާފައި މި ވަނީ ބަންދުގައި ހުންނަތާ 23 ދުވަސްފަހުންނެވެ. އުމުރުން 59 އަހަރުގެ އެ އަންހެން މީހާގެ ބަޔާން ފުލުހުން ނަގާފައިވަނީ ދިފާއީ ވަކީލުގެ ހާޒިރުގައެވެ.

ސްކޫލުގައި ކިޔަމުންދާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހްމަތުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ހިތަދޫއން ހައްޔަރުކޮށްފައި ވަނީ ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މީހެކެވެ. އުމުރުން 59 އަހަރުގެ އެ އަންހެން މީހާ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ނެރުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

އެ އަންހެން މީހާ ބަންދުގައި ބަހައްޓަން ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރަން އަންހެން މީހާގެ ފަރާތުން ހައިކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް މިހާރުވަނީ ނިމިފަ އެވެ. ދެން އޮންނާނީ އެ މައްސަލައިގައި ހުކުމްކުރުމެވެ.

ޖިންސީ ގޯނާކުރުމުގެ ތުހްމަތުގައި ހައްޔަރުކޮށްފައިވާ އެ އަންހެން މީހާ ވަނީ ފްރޭމްމޮށްފައިކަމަށް އެމީހާގެ އާއިލާ މީހުންނާއި ބައެއް މީހުން ގެންދަނީ ބުނަމުންނެވެ.އެ މީހާ ބަންދުކޮށްފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ވަނީ ބަލަން ފަށާފަ އެވެ.