Last Updated: June 29, 21:20
Monday, June 29, 2026
ސިޔާސީ

"ފަށަން ބުނި މަޝްރޫއު ފެށުމުން ފަހަތަށް ޖެހޭނަން"

ހުސެއިން ސާލިހް އަށް މަރުހަބާ ކިއުމަށް އެއާޕޯޓަށް ދިޔަ ޒުވާނުން ތަކަކާއި ބައްދަލުކުރަނީ.

ސަރުކާރު ހިންގާ ކޯލިޝަނުން އައްޑުއަށް ގެނެސްދޭން ބުނި މަޝްރޫއުތައް މިހާރު މިހާރަށް ފެށުމާއި އެކު ކެމްޕެއިން ހުއްޓާލައި ފަހަތަށް ޖެހޭނެ ކަމަށް އަމިއްލަ ގޮތުން ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލާފައިވާ ހުސެއިން ސާލިހް ވިދާޅުވެއްޖެ އެވެ.

ކެންޑިޑޭޓް ފޯމް ހުށަހެޅުމަށާއި، ނަން ތަރުތީބް ކުރުމަށް މާލޭގައި ހުންނެވުމަށް ފަހު ރޭ އައްޑު އަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވަމުން ހުސެއިން ސާލިހް ވިދާޅުވީ އޭނާގެ ނަން ގެންދިއުމަށް ސަރުކާރު ހިންގާ ކޯލިޝަނުން ޕްރެޝަރު ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އޭނާ މަޖްލިސް އަށް ކުރިމަތިލީ އައްޑޫއަށް ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީ ހޯދައި ދިނުމަށް ކަމަށާއި، މިހާރުގެ ސަރުކާރުން ވައުދުވެފައިވާ މަޝްރޫއުތައް މިހާރުން މިހާރަށް ފެށުމާއި އެކު ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު މިދާއިރާއަށް ކުރިމަތިލީ ރައްޔިތުން ބޭނުންވާ ތަރައްޤީ ކުރު މުއްދަތެއްގެ ތެރޭގައި ގެނެސްދިނުމަށް ވަކާލާތު ކުރުމަށް، އަޅުގަނޑަށް ޕްރެޝަރު ކުރާ ފަރާތްތަކަށް ދަންނަވާލަން އޮތީ ތިބޭފުޅުން ވި ވައުދު އަވަހަށް ފުއްދަވާ ދެއްވަށޭ، ހިތަދޫ ފަޅުގައި އަޅަން ބުނި ރިސޯޓުގެ މަސައްކަތް ފައްޓަވާށޭ، ހިތަދޫގައި އަލަށް އިމާރާތް ކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލްގެ މަސައްކަތް މިހާރުން މިހާރަށް ފައްޓަވާށޭ. އޭރުން މިހިރީ ފަހަތަށް ޖެހެން ތައްޔާރަށް." ހުސެއިން ސޯލިހް ވިދާޅުވިއެވެ.

ހުސެއިން ސާލިހް ވިދާޅުވީ އައްޑޫގެ 30 ހާސް މީހުންގެ އާބާދީގެ ބޮޑުބައެއް ހިތަދޫގައި އޮތް އިރު އެންމެ ހާލުގައި އުޅެނީ ހިތަދޫގެ ރައްޔިތުން ކަމަށެވެ.
އެގޮތުން މަސްވެރިކަން ކިރިޔާ ވެސް ގޯސްވެއްޖެ ނަމަ ތިބެނީ އަނގަޔާ އަތާ ދިމާނުވެ ކަމަށާއި ކިރިޔާ ވެސް ކައިބޮއ އުޅެވެނީ ސަރުކާރު މުވްއޒަފުންނަށް ލިބޭ މަދު އެއްޗަކުން ކަމަށެވެ.

"އެއާޕޯޓްގެ މަޝްރޫއުވެސް އެބަދޭ ކޮންމެވެސް މިންވަރަކަށް. އެކަމަކު އެއާޕޯޓް ތަރައްޤީ ކުރާއިރު އެތަނަށް ބޯޓު ޖެއްސުމަށް ކުރާ ކަމެއް ނުފެނޭ. ހެރެތެރެ ސިންގަޕޫރު ބަޔަކު ގަންނަން އުޅުމުން އެތަން ވަނީ ކޯޓަށް ވައްދާފައި. އަބަދުވެސް މިފެންނަނީ ކަންކަން ވިޔަ ނުދޭން ހުރަސް އަޅާތަން." އޭނާ ވިދާޅުވި އެވެ.

އަބަދުވެސް އައްޑޫގެ ތަރައްޤީ އަށް އަޑު އުފުލާ ހުސެއިން ސާލިހް ރޭ ވިދާޅުވީ އައްޑު އަށް ފައިސާ ވަންނާނެ ދޮރުތަކެއް ބަންދުކޮށްގެން ތިބެ ކިތަންމެ ވާހަކައެއް ދެއްކިއަސް ތަރައްޤީ ނުކުރެވޭނެ ކަމަށެވެ. އަދި އެކަންކަން ކުރެވޭނީ ރައްޔިތުންގެ ހަގީގީއަޑު މަޖްލިސް ތެރެއިން އިއްވިގެން ކަމަށެވެ.

ހުސެއިން ސާލިހް ރޭ އައްޑޫއަށް އައުމާއި ގުޅިގެން އޭނާއަށް ސަޕޯޓަރުން ވަނީ އެއާޕޯޓަށް ގޮސް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.