Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ސިޓީ ބަލިކޮށް ލިވަޕޫލް އެފްއޭ ކަޕް ފައިނަލަށް

މެންޗެސްޓަރ ސިޓީ 3-2 އިން ބަލިކުރުމަށްފަހު އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފި އެވެ.

މިއީ 2012 ވަނަ އަހަރަށްފަހު އެފްއޭ ކަޕް ފައިނަލަށް ލިވަޕޫލް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ފަހަރު ލިވަޕޫލުން ވަނީ ޗެލްސީ އަތުން 2-1 އިން ބަލިވެފަ އެވެ. މި ފަހަރުގެ ފައިނަލުގައި ލިވަޕޫލާ ކުޅެން ޖެހޭ ޓީމެއް އެނގޭނީ މާދަމާރޭ ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ކުޅޭ ދެ ވަނަ ސެމީ ފައިނަލް މެޗަށް ފަހު އެވެ. ފައިނަލް ކުޅޭނީ އަންނަ މަހު 14 ވަނަ ދުވަހު އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލް އިން މޮޅު ކުޅުމެއް ދެއްކިއިރު މެޗުގެ 9 ވަނަ މިނެޓްގައި އިބްރާހިމް ކޮނާޓޭ ވަނީ ލިވަޕޫލަށް ލީޑު ނަގާދީފަ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އެންޑީ ރޮބަޓްސަން ނެގި ކޯނަރަކުން ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 17 ވަނަ މިނެޓްގައި ސަޑިއޯ މާނޭ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު މިއީ ސިޓީގެ ގޯލްކީޕަރު ޒެކް ސްޓެފަން އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކުރި ގޯލެކެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން މާނޭ ވަނީ ލިވަޕޫލަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ސިޓީން ކުޅުން ރަނގަޅުކުރިއިރު މެޗުގެ 47 ވަނަ މިނެޓްގައި ގެެބްރިއަލް ޖީސެސް ދިން ޕާހަކުން ޖެކް ގްރީލިޝް ވަނީ ސިޓީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ގޯލަށްފަހު ވެސް ސިޓީން ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު އެޓީމުގެ ދެވަނަ ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަނާޑޯ ސިލްވާ އެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން ވެސް ސިޓީ އަށް ފުރުސަތުތަކެއް ލިބިފައިވެ އެވެ. ނަމަވެސް ފާނަންޑިނިއޯ އާއި ރަހީމް ސްޓާލިން އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ވަނީ އެންމެ ރަނގަޅަށް ހިފޭ ގޮތް ނުވެފަ އެވެ.