Last Updated: April 28, 17:29
Sunday, April 28, 2024
ޚަބަރު

އިންތިގެ ހަމަލާތައް ހޫނުވެއްޖެ، ޕާޓީ ފުނޑާލައި ބާރުވެރިކަން ހޯދަން އުޅޭ ކަމުގެ ތުހްމަތު ފައްޔާޒަށް

ގަމުގައި އިންތި އެމްޑީޕީ މެމްބަރަކާ ވާހަކަ ދައްކަނީ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާ މިނިސްޓަރު ފައްޔާޒު އިސްމާއިލް އެމްޑީޕީ ގައުމީ މަޖިލީހުގައި ތަމްސީލުކުރައްވާ ގަމު ދާއިރާއަށް ވަޑައިގެން އޭނާގެ ވާދަވެރި ކެންޑިޑޭޓު އިމްތިޔާޒް ފަހުމީ (އިންތި) ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ގަމު ދާއިރާގެ މެމްބަރުންކަން ވެސް ކުރައްވާފައިވާ ފައްޔާޒާ ވާދަކުރައްވާ އިންތި ލ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރުންނާ ވަނީ ބައްދަލުކޮށްފަ އެވެ. އެގޮތުން ގަމުގައި ބޭއްވި ބައްދަލުވުމުގައި އިންތި ވިދާޅުވީ އެމްޑީޕީ އަށް މި ވަގުތު އޮތް އެންމެ ބޮޑު ބިރަކީ އަދި ނުރައްކަލަކީ އެމްޑީޕީގެ މެމްބަރުން ބައިބައިކޮށްގެން އަމިއްލަ ބާރުވެރިކަން ހޯދަން ބަޔަކު މަސައްކަތް ކުރުން ކަމަށެވެ.

ނުސީދާ ގޮތުން ފައްޔާޒާއި އޭނާއަށް ތާއީދުކުރާ އިސް މެމްބަރުންނަށް ރައްދުކުރައްވައި އިންތި ވިދާޅުވީ ބައިބައިކޮށްގެން ބާރު ވެރިކަން ހޯދައިގެން، އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

"ހަމަ ޝައްކެތް ނެތް އެ މަގަށް އެ މަސައްކަތް ކުރަނީ މި ޕާޓީ ހަލާކުކޮށް، މި ޕާާޓީ ފަޅާލަން، މި ޕާޓީއަށް 2023ގެ އިންތިހާބު ގެއްލުވާލަން މަސައްކަތްކުރާ މީހުން" އިންތި ވިދާޅުވިއެވެ.

އެމްޑީޕީ އަކީ އެންމެ ގިނަ މީހުން އިތުބާރުކުރާ އަދި އެންމެ ވަރުގަދަ ޕާޓީ ކަމަށާއި ނަމަވެސް މިހާރު އެ ކުރަމުންދާ މަސައްކަތަކީ އެ ޕާޓީއަށް އޮތް ޖޯޝާފޯރިކުޑަކޮށް ޕާޓީ ބައިބައިކުރުން ކަމަށެވެ.

"މި ވަގުތު މި ދައްކަނީ ވަޒީރަށް ވޯޓު ނުދީފިއްޔާ ރަށްފަޅުކުރާނަމޭ، އަބްދުﷲ ހަމީދަށް ވޯޓު ނުދެެއްވައިފި ނަމަ ރަށްފަޅުކުރާނަމޭ ބުނާ ޒާތުގެ ވާހަކައެއް. މާ ކުރީގެ ވާހަކައެއް އަނެއްކާ މި ޕާޓީ އަށް ގެންނަން މަސައްކަތް މި ކުރަނީ."

އިންތި ވަނީ އެމްޑީޕީ ތެރޭގައި މެމްބަރުން ވަނީ ވަޒީފާގެ ބިރުވެރިކަމާއި ރަށްފަޅުކޮށްފާނެ ކަމުގެ ބިރު ތަޖުރިބާކުރަން ޖެހިފަ ކަމަށެވެ.

"މުޅިން މި ޕާޓީ ދުރުކޮށް އެކަހަރިކޮށް މި ޕާޓީ މިނިވަންކޮށް މިކަން ކަން ހާސިލްކުރިފަހުން އަނެއްކާ އެއްކަލަ ބާތިލް ގޮތްތަކަށް ގެންދާތަން މި ފެންނަނީ. މިއީ މި ޕާޓީއާ ގުޅޭ ކަމެއް ނޫން އަހްލާގެއް ނޫން، މި ޕާޓީގެ މަސްލަހަތެއް ނޫން މި ގައުމުގެ މަސްލަހަތެއްވެސް ނޫން،" އިންތި ވިދާޅުވި އެވެ.

މިއީ ވަޒީރުންގެ މެދުގައި ބާއްވާ ރީތީގެ މުބާރާތެއް ނޫން ކަމަށް ވިދަޅުވެ އިންތި ފާހަގަކުރެއްވީ ޕާޓީގެ އާއްމު މެމްބަރުން ވައްކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ.