ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން 2011 ވަނަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކައުންސިލްތައް އުފެދި ރައްޔިތުންނަށް ކައުންސިލަރުންތަކެއް އިންތިޚާބުކުރުމުގެ ފުރުސަތު ލިބުންވެގެންދިޔައީ އިހުގެ މުސްކުޅި ގޮތްގަނޑުން ސަލާމަތްވެ ތަރައްޤީ އަށް ލިބުނު ބާރަކަށްކަމަށް އައްޑޫ ސިޓީގެ ގިނަ ބަޔަކު ޔަޤީންކުރިއެވެ.
އެ ޔަޤީންކަމާއެކު 2011 ވަނަ އަހަރު ރައްޔިތުން ވޯޓް ދީގެން އިންތިޚާބުކުރި އައްޑޫ ސިޓީ ކައުންސިލްގެ ދައުރު މިމަހު ހަމަވާއިރު އައްޑޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެންމެ ފަހުން ލިބިގެންދިޔަ ޚަބަރަކީވެސް ކައުންސިލްގެ ނިމިގެން މިދާ ދައުރު ސިފަކޮށްދޭ ތަސްވީރެއްކަމުގައި ބުނެވިދާނެއެވެ.
ކައުންސިލް އުފެދުނުތާ މަހެއްހާ ދުވަސްތެރޭގައި 2011 ވަނަ އަހަރުގެ މާރޗް މަހު އައްޑޫ ސިޓީ ކައުންސިލުން ސިޓީގެ އެކި އަވަށްތަކަށް އަވަށު ބޯޑުތަކެއް އުފައްދައި ވަގުތީ ރައީސުންނާއި ވަގުތީ ނައިބުރައީސުންގެ ގޮތުގައި ބަޔަކު ޢައްޔަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށާއި އެފަރާތްތައް އެ މަޤާމްތަކުން ވަކިކުރުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަންގާ އަމުރުކުރައްވާ 04 ޖޫން 2013 ގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރެއްވި ޙުކުމް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފްކުރުމުން އެ ކޯޓުންވެސް ވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާޢިދުކޮށްފައެވެ.
ނަމަވެސް ފާހަގަކޮށްލަންޖެހޭކަމަކީ އަވަށު ބޯޑުތައް އުފައްދާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށާއި އެ ފަރާތްތައް އެ މަޤާމްތަކުން ވަކިކުރުމަށް 04 ޖޫން 2013 ގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމަށްފަހުގައިވެސް އަވަށު ބޯޑުގެ މެމްބަރުންގެ ގޮތުގައި ތިބި ފަރާތްތައް ވަކިނުކުރައްވައި މުސާރަ ދެއްވަމުން ގެންގޮސްފައިވާކަމެވެ.
އަދި އިއްޔެ ހައިކޯޓުން ޙުކުމް ކުރުމާހަމައަށްވެސް އަވަށު ބޯޑުތަކުގެ މެމްބަރުން އެ މަޤާމްތަކުގައި ތިއްބެވިކަން އައްޑޫ ލައިވް އަށް ވަނީ އެނގިފައެވެ. އަދި ހައިކޯޓްގެ ޙުކުމަށްފަހުވެސް އެފަރާތްތައް އެ މަޤާމްތަކުގައި ބައިތިއްބާނެތޯ އެކިފަރާތްތަކުން މިހާރުދަނީ ސުވާލު އުފައްދަމުންނެވެ.
ހައިކޯޓްގެ ޙުކުމަށްފަހުވެސް އަވަށު ބޯޑުތަކުގެ މެމްބަރުންނަށް އެ މަޤާމްތަކުގައި ބޭތިއްބުމަށް ކައުންސިލުން މަސައްކަތްކޮށްފާނެކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ހައިކޯޓުގައި އިބްރާހިމް ރަޝީދު ވަޖުދީގެ ފަރާތުން ވަކާލާތުކުރެއްވި އޭނާގެ ޤާނޫނީ ވަކީލް އަލްއުސްތާޛް އިބްރާހިމް ޝަމީލް ވިދާޅުވީ " އަވަށު ބޯޑުތަކަށް ޢައްޔަންކޮށްފައިވާ ފަރާތްތަކަށް އެ މަޤާމްތަކުގައި ތިއްބެވުމުގެ އެއްވެސް ޤާނޫނީ ޙައިސިއްޔަތެއް މިހާރަކު ނެތް. އަސްލު ޙަޤީޤަތުގައި ދަށު ކޯޓުގެ ޙުކުމަށްފަހު އެފަރާތްތަކަށް އެމަޤާމްތަކުގައި ނުތިއްބެވޭނެ. މައްސަލަ އިސްތިޢުނާފްކުރިނަމަވެސް ދަށު ކޯޓުގެ ޙުކުމަށް ޢަމަލުކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފައެއް ނެތް. އަދި އެފަދައިން ސިޓީ ކައުންސިލުން އެދިފައެއްވެސް ނެތް."
އަވަށު ބޯޑުގެ މައްސަލައާ ގުޅިގެން ހައިކޯޓުން އިއްޔެ އިއްވި ޙުކުމާ ގުޅިގެން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ރާއްޖޭގެ އެންމެ ބޮޑު ޖަމިއްޔާ، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޤާނޫނީ ވަކީލު އަލްއުސްތާޛް އިބްރާހިމް ރިޟާ އައްޑޫ ލައިވް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އަވަށު ބޯޑުތަކާ ގުޅޭގޮތުން އެ އިދާރާއަށްވެސް އަމިއްލަ ފަރާތަކުން މައްސަލައެއް ރިޕޯޓް ކުރިކަމަށާއި ނަމަވެސް އެކަމާ ގުޅިގެން މަޢުލޫމާތު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލް އިން ހޯދުމަށް ކުރި އެއްވެސް މަސައްކަތަކަށް އެފަރާތުން އެއްބާރުލުން ދީފައިނުވާކަމަށެވެ.
" ދެން އަޅުގަނޑުމެން އުއްމީދުކުރަން ހައިކޯޓުގެ ޙުކުމާ އެއްގޮތަށް އައްޑޫ ސިޓީ ކައުންސިލުން ޢަމަލުކުރައްވާނެކަމަށް. ކޮންމެގޮތެއްވިޔަސް ދައުލަތުގެ ފައިސާ ޤާނޫނާ ޚިލާފަށް ބޭނުންކުރެވޭނެމަ އެކަން ހުއްޓުވެންޖެހޭނެ. މިކަމުގައި ލޯކަލް ގަވާރމަންޓް އޮތޯރިޓީއިން މިހާރަށްވުރެ ޒިންމާދާރުގޮތެއްގައި މަސައްކަތްކުރަންޖެހޭކަމަށް ދެކެން."
ހައިކޯޓުގެ ޙުކުމާ ގުޅިގެން އައްޑޫ ސިޓީކައުންސިލް އިން ދެން ޢަމަލުކުރުމަށް ވިސްނަވަނީ ކޮންގޮތަކަށްތޯ ދެންނެވުމުން އައްޑޫ ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރު ޙުސައިން ޙަބީބު ވިދާޅުވީ "ކައުންސިލްގެ ވިސްނުން ހުރީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމާ އެއްގޮތަށް ކުރިއަށް ދިޔުމަށް" ކަމަށެވެ. އޭގެ އިތުރު ތަފްޞީލެއް އޭނާ ނުދެއްވައެވެ.
ހައިކޯޓުން އިއްޔެ ނިންމި ނިންމުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ ރަސްމީބަހެއް ހޯދުމަށް އައްޑޫ ލައިވް އިން ކުރިމަސައްކަތްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
މި މައްސަލައާ ގުޅިގެން ފާހަގަކޮށްލަންޖެހެނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލްގެ 6 މެމްބަރެއްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ދަށުން ޖިނާއީ ދަޢުވާކުރުމަށާއި އަދި އެ މެމްބަރުންގެ ސަބަބުން އެހާތަނަށް ދައުލަތަށް ލިބިފައިވާ 2,197,714.01ރ. ( ދެމިލިއަން އެއްސަތޭކަ ހަތްހާސް ހަތްސަތޭކަ ސާދަ ރުފިޔާ އެއް ލާރި) ގެ ގެއްލުމުގެ ބަދަލު ހޯދުމަށް 2013 ވަނަ އަހަރުގެ ތެރޭގައި ޕްރޮސިކިއުޓާރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާކަންވެސް ފާހަގަކުރެވެއެވެ.