Last Updated: April 29, 18:17
Monday, April 29, 2024
ޚަބަރު ހައި ކޯޓު

ހައިކޯޓުގެ ފަނޑިޔާރު ސަމީރު އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ސަމީރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާ ފަނޑިޔާރު އަލީ ސަމީރު ވަނީ ޖޭއެސްސީއަށް ސިޓީއެއް ފޮނުވާފައެވެ. އެހެންނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ.

ފަނޑިޔާރު ސަމީރު މަގާމުން އިސްތިއުފާ ދެއްވިއިރު، މިހާރު ހުންނެވީ އުމުރާއަށް މައްކާގައެވެ. އުމުރާއަށް ފުރާވަޑައިގެންނެވީ މިދިޔަ ބްރާސްފަތި ދުވަހުއެވެ.

އަލީ ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ. ހައިކޯޓުގެ ފަރާތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބު ކުރައްވާފައިވާ ފަނޑިޔާރަކީވެސް ފަނޑިޔާރު އަލީ ސަމީރެވެ.

ހައިކޯޓުގައި މުހިންމު ބޮޑެތި މައްސަލަތަކެއް ނިންމެވި ފަނޑިޔާރު އަލީ ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓަރސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

އެމަނިކުފާނު އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއަރ އެޑްމިން އޮފިސަރކަމާއި، މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލްކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ.