Last Updated: April 28, 21:57
Sunday, April 28, 2024
ޚަބަރު

އިންތިއަށް ރޮޒޭގެ ރައްދު: ތާށިވެފައި ހުރި މީހަކަށް މިކަމެއް ނުވާނެ

އިިދިކޮޅު މުޒާހަރާއެއްހެން އެތެރޭގެ އިންތިހާބު ސިފަވާ މީހަކަށް އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމެއް އަދާ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ އަންހެނުން ރޫހުގެ ރައީސަކަށް ކުރިމަތިލާފައިވާ ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

ޗެއާޕާސަންކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ ލ.ގަމުގައި އެމްޑީޕީގެ އާއްމު މެމްބަރުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަގެ ވީޑިއޯ ކޮޅަކާއެކު ރޮޒޭ ކުރެއްވި ޓްވީޓެއްގައި އިންތިއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިންތިގެ ވާހަކައިން ފެނިގެންދަނީ ފައްޔާޒު ކޮންމެހެން ހޮވަން ޖެހޭ ސަބަބުތައް ކަމަށާއި އެމްޑީޕީގެ ޗެއާޕާސަންކަމަށް އަންނަ މީހަކަށް އެއީ ވެރިކަން ކުރާ ޕާޓީކަން އެނގެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އަންނަ މީހަކީ ސަރުކާރާއި އާއްމު މެމްބަރުންނާ ގުޅުވާލައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާ ދެވޭނެ ގޮތައް ޕާޓީ ހިންގާ މީހަކަށް ވާންޖެހޭ ކަމަށް ރޮޒޭ ވިދާޅުވި އެވެ.

"މިހާ ފިތުނަވެރިކޮށް، ހަޑިކޮން، ރުޅިވެރިކަމާއެކު ވާހަކަ ދައްކައިގެން ޕާޓި އެކަތިގަނޑަކަށް ނުހެދޭނެ،" އިންތި ޖޯޝާއެކު ދެއްކި ވާހަކައަށް ރައްދު ދެއްވަމުން ރޮޒޭ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެމްޑީޕީ މެމްބަރުން ބޭނުންވަނީ ސަރުކާރު ދޮޅުއަހަރަށް އޮންނާކަށް ނޫން ކަމަށާއި އަންނަ އަހަރުވެސް އެމްޑީޕީގެ ސަރުކާރެއް އިންތިހާބުވުމަށް ކަމަށެވެ.

"އެމްޑީޕީ ސަރުކާރެއް ދޮޅުއަހަރުން ނިންމާލަން އުޅޭ މީހަކު ސީޕީއަކަށް ގެނައުމަކީ ކިހާ ބުއްދިވެރިކަމެއްތޯ؟. އަޅުގަނޑު ބޭނުމީ ސަރުކާރާ ގުޅިގެން 2023 ހޯދަން މަސައްކަތްކުރާނެ މީހެއް،" ރޮޒޭ ވިދާޅުވި އެވެ.