2-0 އިން ކްރިސްޓަލް ޕެލެސް ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލަށް ޗެލްސީ ދަތުރުކޮށްފި އެވެ.
މިއީ އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ ޖެހިޖެހިގެން ދަތުރުކުރި ތިންވަނަ ފަހަރެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލްގައި ޗެލްސީ ވަނީ 1-0 އިން ލެސްޓަ ސިޓީ އަތުން ބަލިވެފަ އެވެ. އަދި އޭގެ ކުރީ އަހަރު 2-1 އިން އާސެނަލް އަތުން ވަނީ ބަލިވެފަ އެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު ކުޅޭ ފައިނަލްގައި ޗެލްސީ ނިކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ޕެލެސްގެ ކުއާޓޭ ވަނީ ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ. ޗެލްސީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ އޭނާ ފޮނުވާލި އެ ހަމަލާ ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ ވަނީ ދިފާއުކޮށްފަ އެވެ.
ޕެލެސް އަށް ލީޑު ނަގައިދޭން ދެވަނަ ހާފުގައި ވެސް ކުއާޓޭ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. އެ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 65 ވަނަ މިނެޓްގައި ޗެލްސީން ލީޑު ނެގުމެވެ. ޕެލެސްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ރުބެން ލޮފްޓަސް ޗީކް އެވެ.
ޗެލްސީގެ ދެވަނަ ގޯލު މެޗުގެ 76 ވަނަ މިނެޓްގަައި ކާމިޔާބުކޮށްދީ އެޓީމަށް ފައިނަލުން ޖާގައެއް ކަށަވަރުކޮށްދިނީ މޭސަން މައުންޓް އެވެ. މި ދެ ގޯލަށްފަހު ވެސް ޗެލްސީ އަށް ދެވަނަ ހާފުގައި ލީޑު ފުޅާކޮށްލަން އިތުރު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.