ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކިޔައިދިނުމަށް ސްޓޭޓް މިނިސްޓަރު ޝައިހް މުޙައްމަދު އަނީލު އެދިވަޑައިގެންފި އެވެ.
އަނީލް އެކަމަށް އެދިވަޑައިގެންނެވީ ރޭގެ އިޙްޔާ ފޯރަމްގައި "އެންމެ ރިވެތި ވާހަކަ" މި މައުޟޫއަށް ވާހަކަފުޅު ދައްވަމުންނެވެ.
އަނީލް ވިދާޅުވީ ކުޑަކުދިން ނިންދަވާއިރު ބިރުގަންނަ ޒާތުގެ ވާހަކަތައް ކިޔައިދިނުމަކީ އެކުދިންގެ ތަރުބިއްޔަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެއް ކަމަށެވެ. އަދި އޭގެ ބަދަލުގައި އެ ކުދިންނަށް ޤުރުއާނުގައިވާ ރިވެތި ވާހަކަތަކާއި ޞަޙާބީންގެ ވާހަކަތައް ކިޔައިދިނުމަށް އަނީލް އިލްތިމާސްކުރެއްވި އެވެ.
އަނީލް ވަނީ މިފަދަ ވާހަކަތައް ކިޔައިދިނުމަކީ ދަރިންގެ ތަރުބިއްޔަތުގެ ވަރަށް ބޮޑު ބައެއް ކަމަށްވެސް ވިދާޅުވެފަ އެވެ.
ރޭގެ މައުޟޫޢަށް ދެން ވާހަކަ ދައްކަވާފައިވަނީ އައްޝައިޚް މުޙައްމަދު ނިމާލް އެވެ.
އިޙްޔާ ފޯރަމް
މަޢުޟޫއު: އެންމެ ރިވެތި ވާހަކަ
17 އެޕްރީލް 2022#MVIaffairs #Roadha43 #IhyaForum pic.twitter.com/h3rL3JoD6L— Ministry of Islamic Affairs (@MVIaffairs) April 17, 2022
ޤުރުއާނުގައި 6 ނަބީބޭކަލެއްގެ ނަންފުޅުން ނަން ދެވިފައިވާ ސޫރަތްތައްވާއިރު މީގެ ތެރެއިންވެސް އެންމެ ރިވެތި ވާހަކަ ހިމެނެނީ ޔޫސުފް ސޫރަތުގައިކަން ދެ ބޭފުޅުން ވެސް ފާހަގަކުރެއްވި އެވެ. އަދި ސަމާވީ އެއްވެސް ފޮތެއްގައިވެސް އައިސްފައިނުވާފަދަ ފުރިހަމައަށް ތަފްސީލުކޮށް ޔޫސުފްގެފާނުގެ ވާހަކަ ޔޫސުފް ސޫރަތުގައި ވާކަމަށް ވިދާޅުވި އެވެ.
މި ސޫރަތުގައި ޔޫސުފްގެފާނާއި އެކަލޭގެފާނުގެ އަޚުންގެ ވާހަކައިގައި ސުވާލުކުރާ މީހުންނަށް ހެކިތަކެއްވާ ކަމަށާއި މި ސޫރަތުގައި އެއްހާހަށްވުރެ ގިނަ ޢިބްރަތާއި ފައިދާ އެކުލެވިގެންވާކަމަށް ވިދާޅުވި އެވެ. އަދި މިއީ އިހުޒަމާނާއި މިޒަމާނުގައިވެސް ޢިލްމުގެ އަހުލުވެރިން އެ ސޫރަތަކަށް ޚާއްސަ އިނާޔަތެއް ދެއްވާފައިވާ ސޫރަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
މި ސޫރަތަކީ އެއިން އެތައް ޢިބުރަތްތަކެއް ލިބޭ އަދި ދިރިއުޅުމުގެ މައިދާނުގައި އާއި ދަރިން ތަރުބިއްޔަތު ކުރުމުގައި މުޙިންމު މެސެޖްތަކެއް ލިބިގެންދާ ސޫރަތެއްކަން ދެ ބޭފުޅުން ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.