Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ބަޖެޓްކުރާ އަދަދުތައް ކުޑަވުމުން މަޝްރޫއުތަކަށް އުނދަގޫ

އަހުމަދު މަހުލޫފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބަޖެޓްގައި ހުންނަ މަޝްރޫއުތަކަށް ދީފައި ހުންނަ އަދަދުތައް މަދު ކަމަށާއި، ކުޑަ އަަދަދެއް ބަޖެޓްގައި ހުރުމުން މަސައްކަތް ކުރިއަށްގެންދަން އުނދަގޫވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، ޔޫތް މިނިސްޓްރީގެ ބަޖެޓުގައި އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް، ދާގޮތަށްގޮސް ނިންމާލެވޭނެ ވަރުގެ ބަޖެޓެއް ނެތްކަމަށެވެ.

މަހުލޫފް ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ، ބައިވަރު މަސައްކަތްތައް އިއުލާނު ކޮށްގެން އެންމެ ބާރަށްދާ މަސައްކަތްތަކަށް އެހެން ކޯޑުތަކުން ފައިސާ ޓްރާންސްފާ ކޮށްގެންކަމަށެވެ.

"މިހާރު ފުޓްބޯޅަ ދަނޑެއްގަ ސަބްބޭސް ނިންމާފަ ޓާފް އަޅާފަ ވަށާފާރާ ފެންސުގެ މަސައްކަތް ނިންމާލާއިރުވެސް އެބަދޭ 8.5 މިލިއަން ވަރަކަށް ރުފިޔާ. އެކަމު އާންކޮށް ބަޖެޓް ކުރެވިފައި މި ހުންނަނީ، އިނދެދާނެ 2 ލައްކަ ރުފިޔާވެސް ބަޖެޓް ކުރެވިފައި، އެއް މިލިއަން ރުފިޔާވެސް." މަހުލޫފް ވިދާޅުވިއެވެ.

އެހެންކަމުން އެންމެ ބޭނުންވާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް އެބަހުރި ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މީގެއިތުރުން ދަނޑުތައް މަރާމާތު ކުރުމަށްކަމަށް ބަޖެޓުގައި ހުންނަނީ ވަރަށް މަދުފަހަރެއްގައި ކަމަށް މަހުލޫފް ވިދާޅުވިއެވެ. ބަޖެޓް އެކުލަވާލާއިރު މަރާމާތުގެ ކަންކަމަށް ވަކި ކޯޑެއް ކަނޑައަޅަންޖެހޭ ކަމަށާއި، އެގޮތަށް ކަނޑައަޅާފައި ނޯންނާތީ މަރާމާތުގެ ކަންކަމަށް ބޭނުންކުރަން ޖެހެނީ ސްޕޯޓްސްއަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން ކަމަށް މަހުލޫފް ވިދާޅުވިއެވެ.