މި އަހަރުގެ އޮގަސްޓްގައި ސްރީ ލަންކާގައި ބާއްވަން ހަމަޖެހިފައި އޮތް "އޭޝިއާ ކަޕް" އެ ގައުމަށް ބެއްވޭނެތޯ ޔަގީންކޮށްދޭން މުހުލަތެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސާކްގެ ގައުމުތަކުން ބައިވެރިވާ ކްރިކެޓް މުބާރާތް ލަންކާގައި ފަށަން ހަމަޖެހިފައި އޮތީ އޮގަސްޓް މަހުގެ 27 ގަ އެވެ. ނަމަވެސް އެ ގައުމު މިހާރު މާލީ އަދި އިގުތިސާދީ ބޮޑު ވަޅުގަނޑެއްގެ ތެރޭގައި އޮތުމާ އެކު، އެކަމާ ހުރެ ސިޔާސީ މަސްރަހު ވެސް ހަލަބޮލިވެފައިވާތީ "އޭޝިއާ ކަޕް" ލަންކާގައި ބޭއްވޭނެތޯ ޔަގީންކޮށް ދޭން ޖުލައި މަހުގެ 27 އާ ހަމައަށް މުހުލަތު ދީފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ކޮލޮމްބޯ ގެޒެޓުން ބުންޏެވެ.
މިކަމާ ބެހޭ ގޮތުން އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އިން ބުނީ މިކަމާ ގުޅޭ ގޮތުން ލަންކާގެ ކަމާބެހޭ ފަރާތްތަކާ އެކީ ވާހަކަތަކެއް ވެސް ދެކެވެމުން އަންނަ ކަމަށެވެ. އެތަނުން ބުނީ ލަންކާ އަށް މުބާރާތް ނުބޭއްވޭ ނަމަ ދެން މުބާރާތް ކުރިއަށް ގެންދާނެ ގޮތެއް ޕްލޭންކުރާނެ ކަމަށެވެ.

އެގޮތުން ގޮތެއް ނިންމަން މިހާރު ދީފައި އޮތް މުހުލަތުގެ ތެރޭގައި ވަކި ގޮތެއް އަންގައިފި ނަމަ މުބާރާތަށް ދެން ތައްޔާރުވާން އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށް އޭސީސީން ބުންޏެވެެ.
މި އަހަރުގެ މުބާރާތް ލަންކާގައި ބާއްވަން ތާވަލުކޮށްފައި އޮތީ އޮގަސްޓް 27 އިން ސެޕްޓެމްބަރު 11 އަށެވެ.
"އޭޝިއާ ކަޕް" އަކީ 1983 އިން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މުބާރާތެކެވެ. އެންމެ ފަހުން މުބާރާތް ބޭއްވީ 2018 ގައި ޔޫއީއޭގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަނަކީ އިންޑިއާ އެވެ.