އިދިކޮޅު މެމްބަރުންގެ ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ނުދިނުމަށް ބައެއް މެމްބަރުން ބާރު އަޅާ ކަމަށާއި، އެއީ އެމަނިކުފާނު މަޖިލިސް ހިންގުމަށް އެދޭގޮތް ނޫން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުމުން، އެ ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތު ދިނުމުގެ ކުރިން ރައިސް ނަޝީދު ވަނީ ކުއްލި މައްސަލައިގެ ކަންކަމުގައި ބައެއް މެމްބަރުން އެމަނިކުފާނާ ހިއްސާކޮށްފައިވާ ބައެއްކަންކަން ހާމަކުރައްވާފައެވެ.
"މިތަނަށް ކުއްލި މައްސަލަ ހުށަހެޅުނީމާ މައްސަލަ ބަހުސްކުރުން ހުއްޓުވުން، އެއީ އެބައެދޭ ސަރުކާރަށް ތާއީދުކުރާ ބައެއް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް، ދެކެވަޑައިގަންނަވާ އަޅުގަނޑުގެ މައްސޫލިޔަތެކޭ އެއީ އޭތި ހުއްޓުވުން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުއްލި މައްސަލަތައް ކުރިއަށްގެންދިއުން ރިޔާސަތުން ހުއްޓުވުމަށް ބައެއް މެމްބަރުން އެދެނީ އެ ކުއްލި މައްސަލަ މަޖިލީހުގެ ގަވައިދަށް ނުފެތޭ ކަމަށް ބުނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެފަދަ ކަމެއް މަޖިލީހުގެ މެޖޯރިޓީ ގްރޫޕުން އެދޭނަމަ އެކަން ވޯޓުން ނިންމުމަށް އެދޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުއްލި މައްސަލަ ހުށަހެޅުމަށްފަހު ބަހުސް ކުރިއަށް ގެންދެވެނީ ވޯޓަށްފަހު ކަމަށްވީއިރު، ރައީސް ނަޝީދު އެދިވަޑައިގަތީ އެފަދަ ކަންކަން ވޯޓުން ނިންމުމަށެވެ.
ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ނުދިނުމަށް ބައެއް މެމްބަރުން ބާރު އަޅާކަމަށާއި، އެއީ މަޖިލިސް ހިންގަން އެދޭ ގޮތެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ކުއްލި މައްސަލައިގެ ގޮތުގައި ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަމެއް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުގެ ފުރުސަތު ކޮންމެ މެމްބަރަކަށްވެސް ލިބިގެންވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެ ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާ ބޮޑު ކަމަކަށްވާންޖެހޭ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވާއިރު، ހުށަހަޅާ މައްސަލައެއްގައި އޮންނަ ކަމަކީ ބޮޑު ކަމެއްތޯ ނުވަތަ ކުޑަ ކަމެއްތޯ ނިންމަންވާނީވެސް ވޯޓުން ކަމަށް ދެކޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ، ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިއަ މީހަކަށް އިހުމާލެ ވެފައިވާ މައްސަލަ ބަލާ ފިޔަވަޅުއެޅުމަށް ގޮވާލާ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އެހެންނަމަވެސް އެ ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 8 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް 39 މެމްބަރުން ވޯޓު ދެއްވިއެވެ.
އިދިކޮޅުން ހުށަހަޅާ ކުއްލި މައްސަލަތަކަށް އެމްޑީޕީގެ މެމްބަރުން ވޯޓު ދޭތީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް މީގެކުރިން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.