Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

މި ސަރުކާރުން 40 ދަނޑުގެ މަސައްކަތް ނިންމައިފި

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް - ފޮޓޯ: ރައީސް އޮފީސް

މިސަރުކާރަށް މިހާތަނަށް 40 ފުޓްބޯޅަ ދަނޑު ނިންމާލެވިފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ މިސަރުކާރަށް ކިތަށް ފުޓްބޯޅަ ދަނޑު ތަރައްގީކުރެވިއްޖެތޯ އަދި ކުޅިވަރުގެ ކިތައް ފެސިލިޓީ ތަރައްގީ ކުރެވިފައިވޭތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ ގާތްގަނޑަކަށް 40 ވަރަކަށް ފުޓްބޯޅަ ދަނޑުގެ މަސައްކަތް މި ސަރުކާރުން ނިންމާފައިވާކަމަށެވެ.

"އަޅުގަނޑު ހިތްހަމަ ޖެހެނީ، އުފާވަނީ އަޅުގަނޑުމެންނަށް މި ފުރުސަތު ލިބުމުގެ ކުރިން ރާއްޖޭގެ އެއްވެސް ސަރުކާރަކުންނެއް އެންމެ ފުޓްބޯޅަ ދަނޑެއްވެސް ގާއިމުކޮށްފައެއް ނުވާނެ. އެހެންމަ މިއަދު ކޮވިޑްގެ ދެ އަހަރު ކަނޑާފަވެސް 40 ދަނޑު ނިންމާލެވުނީމަ އެއީ ކުޑަ ކަމެއް ނޫން، އެއީ ބޮޑު ކަމެއް." މަހުލޫފް ވިދާޅުވިއެވެ.

މީގެއިތުރުން މަހުލޫފް ވިދާޅުވީ މިހާރުވެސް އެކި މަރުހަލާގައި ކުރިއަށްދާ 50 ވަރަކަށް ބޮޑު ދަނޑުގެ މަސައްކަތް އެބައޮތްކަމަށެވެ.

ކުޅިވަރު ތަރައްގީ ކުރުމުގެ ގޮތުން ވަރަށް ބައިވަރު މަސައްކަތް ކުރެވިފައިވާކަން ފާހަގަކޮށް މަހުލޫފް ވިދާޅުވީ އިންޑިއާގެ އެލްއޯސީގެ ދަށުން މިހާރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިންޑޯ ބާސްކެޓް، އިންޑޯ ވޮލީބޯލް، އިންޑޯ ޓީޓީ، 4 ރަށެއްގެ ސިންތަޓިކް ޓްރެކް އަދި ގަލޮޅުދަނޑުގެ މަސައްކަތް ނިމުމުން ގާތްގަނޑަކަށް ރާއްޖޭގެ ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށް ނިމުނީ ކަމަށެވެ.

މީގެއިތުރުން މަހުލޫފް ވިދާޅުވީ ފާހަގަވާ މައްސަލައަކީ ކޮންޓްރެކްޓަރުންނަށް ދީފައިވާ މުއްދަތަށް މަސައްކަތްތައް ނުނިމުން ކަމަށެވެ. އެގޮތުން 40 އައުޓްޑޯ ވޮލީކޯޓްގެ މަސައްކަތް ކޮންޓްރެކްޓުންނާ ހަވާލުކޮށް އެ މަސައްކަތްތައް ނުނިމޭތީ ކޮންޓްރެކްޓަރުންނާ ތަކުރާރުކޮށް ބައްދަލުކުރަމުން އަންނަ ކަމަށާއި، އެ ފަރާތްތަކުން މަސައްކަތް ނިންމާނެ ކަމަށް ތަފާތު ތާރީހުތައް ދޭކަމަށެވެ.