Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ނަބީހަށް ނައިބު ރައީސް ވެސް ހިތްވަރު ދެއްވައިފި

ފޮޓޯ: ރައީސް އޮފީސް

ނައިބުރައީސް ފައިސަލް ނަސީމް، ޔޫއޭއީގައި ކުރިޔަށް ދިޔަ 2022 ވަނަ އަހަރުގެ ދުބާއީ އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކުރި އަލްޙާފިޡް އަހުމަދު ނަބީހް އަބްދުލްޤާދިރާއި ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި، އަލްޙާފިޡް އަޙްމަދު ނަބީޙް ޢަބްދުލްޤާދިރުގެ މަންމަ އާމިނަތު މުހައްމަދާއި، ބައްޕަ އަބްދުލްޤާދިރު ޤާސިމް ބައިވެރިވެވަޑައިގެންފައި ވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބުރައީސް ފައިސަލް، ނަބީހަކީ ނަމޫނާ ކުއްޖެއްކަމުގައި ވިދާޅުވެ، ނަބީހަށް ކީރިތި ޤުރުއާން ކިޔެވުމުގެ ރޮނގުން އިތުރަށް ކުރިޔަށް ދިޔުމަށް ހިތްވަރުދެއްވައި، ކުރިޔަށް އޮތް ތަނުގައި ސަރުކާރުގެ ތެރެއިން ހުރި މިފަދަ ފުރުސަތުތައް ފަހިކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނުވަނީ ކުދިންގެ ޅަ އުމުރުން ފެށިގެން ކީރިތި ޤުރުއާނަށް އޮންނަ ލޯބި އަށަގަތުމަށް މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފަ އެވެ.