ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ސަރުކާރުން އަމަލުކުރަމުން އަންނަ ގޮތާމެދު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާ އަގުނުކުރެވޭ ވަރުގެ ގެއްލުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުގެ އަމިއްލަ ނަމުގައާ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި މި ކަންބޮޑުވުން ހިއްސާކުރާކަން ފާހަގަކުރަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަލަސްތީންގެ ރައްޔިތުން ފަތިސް ނަމާދު ކުރަން އަލް އަގްސާ މިސްކިތުގައި ތިއްބާ އިސްރާއީލް ސިފައިން ވަދެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީ އެ މިސްކިތުގައި ތިބި މީހުންނަށް ހަމަލާތަކެއް ވަނީ ދީފައެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އަނިޔާތައް ލިބިފައެވެ.
މިކަން ދިވެހި ސަރުކާރުގެ ފަރާތުންވެސް ކުށްވެރިކޮށްފައިވެއެވެ. އެކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން އަގްސާ މިސްކިތުގައި އަދި ފަލަސްތީނުގެ ބިންތަކުގައި ހިންގާ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އަދި އ.ދ ގެ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރަން ކުރާ މަސައްކަތަށް ހުރަސްއެޅޭ ކަމަށްވެސް ބުނެފައިވެއެވެ.
މި ބަޔާނުގައި ވަނީ ރާއްޖެ އިން އަބަދުވެސް އޮންނާނީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށް ވެސް ބުނެފައެވެ. އަދި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް ރާއްޖޭގެ ތާއީދު އަބަދުވެސް ލިބޭނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.