Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ހދ.އަތޮޅު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑު ކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އަލީ އާދަމް ސަސްޕެންޑްކޮށްފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.5.4 ވަނަ ނަންބަރާ ޚިލާފަށް ޖަމްޢިއްޔާއެއް އުފައްދައި އެ ޖަމްޢިއްޔާގައި ޢަލީ އާދަމް ހަރަކާތްތެރިވެފައިވާކަން ސާބިތުވާ ކަމަށެވެ. އަދި ތަފްރީޤް ކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވާކަމާއި އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަން ވެސް ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.

މީގެއިތުރުން ޢަލީ އާދަމް އުފެއްދި ޖަމްޢިއްޔާއިން އިސްނަގައިގެން ހދ.ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި ޢަލީ އާދަމް ޢަމަލީ ގޮތުން ބައިވެރިވެފައިވާތީ އާއި، އެ ހަރަކާތަކީ ސިޔާސީ ޙަރަކާތެއްގެ ގޮތުގައި އާންމުން ދެކުމުގެ ފުރުސަތު އޮތް ޙަރަކާތަކަށްވާއިރު، ޢަލީ އާދަމްގެ ފޭސްބުކް އެކަންޓުން އެ ހަރަކާތް އިޝްތިހާރު ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.

އެގޮތުން ޢަލީ އާދަމްގެ ފޭސްބުކު ޕޭޖުގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ފާޅުކޮށްފައިވާ ޝުޢޫރުތަކަކީ އޭނާ ހިއްސާކޮށްފައިވާ ތަކެތިކަމަށް ބުނެ އިޢުތިރާފުވެފައިވާ ކަމަށާއި އެއީ ސިޔާސީ ގޮތުން ފާޅުކޮށްފައިވާ ޚިޔާލުތަކާއި ޝުޢޫރުތަކެއްކަމަށް އާންމުން ދެކުމުގެ ފުރުސަތު ފާޅުކަން ބޮޑުގޮތެއްގައި އޮތްއިރު އެއީ ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަތަ ފަނޑިޔާރެއްގެ މަޤާމުގައި ހުރި މީހަކު ކޮށްގެންނުވާނެފަދަ ޢަމަލެއް ކުރިކަން ޢަލީ އާދަމްގެ މައްޗަށް ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.

ޖޭއެސްސީން ވަނީ މި މައްސަލަތަކާ ގުޅިގެން މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް ދެ ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން އަލީ އާދަމް އަށް މަނާކޮށްފަ އެވެ.

މި މުއްދަތުގައި ހދ.ޖުޑީޝާލް ދާއިރާ ހިންގުން ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިސްމާޢީލްއާ ޙަވާލުކުރުމަށްވެސް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.