Last Updated: April 29, 15:08
Monday, April 29, 2024
ޚަބަރު

މޫސުމީ ބަދަލުގެ ސަބަބުން އާސާރީ ތަންތަން ނެތިދާނެ

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން

މޫސުމީ ބަދަލުތަކުގެ ސަބަބުން އާސާރީ ތަންތަން ނެތިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި ޔުމްނާ ވިދާޅުވީ ވޭތުވެދިޔަ ޒަމާންތަކުގައި ދިވެހީންގެ މަސައްކަތްތެރިކަން ދައްކައިދޭ އާސާރީ ތަންތަނާއި ތަކެތި މި ޒަމާނާ ހަމައަށް ވާރުތަވެގެން އައިސްފަވައިވާ ކަމީ ޝުކުރުވެރިވާންޖެހޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އެކި އަތޮޅުތަކަށާއި ރަށްތަކަށް ބަލާއިރު ދިވެހީންގެ ސަގާފީ ތަރިކައިގެ މުއްސަނދިކަމާއި ތަފާތުކަން ދޭހަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ރަށްގިރުން ފަދަ މޫސުމީ ބަދަލުތަކާއިއެކު މި ތަންތަނަށް ދަނީ އިއާދަ ނުކުރެވޭ ފަދަ ގެއްލުންތައް ލިބެމުން ކަމަށާއި އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އެކިއެކި ރަށްރަށާއި އަތޮޅުތުގައިހުރި ހަވިއްތަތަކާއި މިސްކިތްތަކާއި އަދި އެހެނިހެން އާސާރީ ތަންތަންވެސް ނެތިދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ވުމާއެކު، ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި ކައުންސިލްތަކާއި ޢާންމު ފަރުދުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަން" މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ޔުމްނާ ވަނީ ސަގާފީ ތަރިކައިގެ ޤާނޫނާއި މި ޤާނޫނާ ގުޅިގެން އާންމުކޮށްފައިވާ ޤަވާޢިދުގައި ސަގާފީ ތަރިކަ ރައްކާތެރިކުރުމުގައި ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކާއި އާންމު ފަރުދުންގެ ޒިންމާ ބަޔާންކޮށްފައިވާއިރު ދިވެހިންގެ މުއްސަނދި މާޒީތަކުން އައިސްފައިވާ ސަގާފީ ތަރިކަތައް ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

އެގޮތުން މިފަދަ ބިނާތަކާއި ސަރަޙައްދުތަކާއި ތަންތަނާއި ތަކެއްޗަކީ އެ ރަށެއްގެ އަމިއްލަ ވަންތަކަމާއި ސަގާފަތް ދައްކައިދޭ ތަންތަނާއި ތަކެތި ކަމަށާއި އެހެންކަމުން ކައުންސިލުތަކުން އިސްނަގައިގެން ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ޒިންމާ އަދާކުރަމުން ގެންދިއުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.