Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ވިހެއުމުގެ ތެރޭގައި ރޮނާލްޑޯގެ ދަރިފުޅު މަރުވެއްޖެ

ވިހެއުމުގެ ތެރޭގައި މެންޗެސްޓަ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފިރިހެން ދަރިފުޅު މަރުވެއްޖެ އެވެ.

ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒަށް އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިންކަން ހާމަކުރީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ރޮނާލްޑޯ މިރޭ އާންމު ކުރި ބަޔާނެއްގައި ބުނީ ވިހެއުމުގެ ތެރޭގައި ފިރިހެެން ދަރިފުޅު މަރުވެފައިވާ ކަމަށާއި ނަމަވެސް ދެން ލިބުނު އަންހެން ދަރިފުޅުގެ ކިބައިން ހިތްވަރު ލިބިގަންނަ ކަމަށެވެ.

ރޮނާލްޑޯ އާއި ޖޯޖީނާ އަށް ފުރަތަމަ ދަރިއަކު ލިބިފައިވަނީ 2017 ވަނަ އަހަރު އެވެ. އަދި ރޮނާލްޑޯ އަށް ފުރަތަމަ ދަރިއަކު ލިބިފައިވަނީ 2010 ވަނަ އަހަރު އެވެ. އެގޮތުން ކްރިސްޓިއާނޯ ޖޫނިއާ އަކީ ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށް ރޮނާލްޑޯ އަށް ލިބުނު ކުއްޖެކެވެ.

އޭގެފަހުން 2017 ވަނަ އަހަރުގެ ޖޫން މަހު ރޮނާލްޑޯ އަށް ވަނީ ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށް އެއްމާބަނޑު ދެ ކުދިން ވެސް ލިބިފައެވެ. 2017 ވަނަ އަހަރު ރޮނާލްޑޯ ވަނީ ހަތް ކުދިން ބޭނުންވާ ކަމަށް ބުނެފައެވެ.