Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ކުޅިވަރާ ނުލާ އެއްބައިވަންތަ ކަމެއް ނޯންނާނެ

ނައިބު ރައީސް ފައިސަލް ނަސީމް - ފޮޓޯ: ރައީސް އޮފީސް

ކުޅިވަރާ ނުލާ އެއްބައިވަންތަކަމެއް ނޯންނާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ "ދި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަން ޝިޕް 2022" ގެ ލޯގޯ އިފްތިތާޙުކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ ކުޅިވަރަކީ ކުޅިވަރަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ކުޅިވަރާއި ނުލާ އެއްބައިވަންތަކަމެއް ނޯންނާނެ ކަމަށެވެ. އެގޮތުން 1980 ގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުތަކުގެ ސަބަބުން އުފެދިގެންދިޔަ ފޯރި އާއި އެއްބައިވަންތަކަން ފައިސަލް ފާހަގަކުރެއްވި އެވެ.

"ކުޅިވަރުގެ ފޯރިން އެކަކު އަނެކަކާއި ގުޅުވައިދިން. ދަނޑުތަކުގައި އެ އޮތް ގުޅުން ވެގެންދިޔައީ ބޮޑު އާއިލާއަކަށް. ހުރިހާ ކުޅިވަރުތަކެއް ވެސް އޭރު އޮތީ އެގޮތަށް." ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ކުޅިވަރުގެ މައިދާނުގައި ވަނަތަކެއް ހޯދައި މާޒީ އިޔާދަކުރެވޭނެ މަންޒަރު މިއަދު ފެންނަމުންދާ ކަމަށާއި ރާއްޖެ އަށް ރަން ވަނަތައް ގެނެސްދިނުމަށް ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެންމެފަހުން ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް އަދި ސާފު ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ އަށް މިކަން ކުރެވޭނެކަން ދިވެހި ކުޅުންތެރިން ސާބިތުކޮށްދީފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

މީގެއިތުރުން ފައިސަލް ވަނީ ޓީޓީއާ އަދި އެހެން ކުޅިވަރުތައް ކުރިއެރުވުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގެ 7 ޤައުމެއްގެ ޖޫނިއަރ އެތުލީޓުން ބައިވެރިވާ، މި ޓީޓީ މުބާރާތް ކުރިޔަށްދާނީ މެއި މަހުގެ 9 އިން 12 އަށް ރާއްޖޭގަ އެވެ. މުބާރާތުގައި އެތުލީޓުން ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން،ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ އަދި ޕާކިސްތާން ހިމެނެ އެވެ.