ހިއުމަން ރައިޓްސް ވޮޗްއިން ނެރެފައިވާ ރިޕޯޓުގައިވާ ރާއްޖެއާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް އިސްލާހު ކުރުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ. އެ މައްސަލަ ބަލަިއގަތުމަށް ފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވިއިރު، ބަލައިގަތުމަށް ނުފެންނަ ކަމަށް 32 މެމްބަރުން ވޯޓު ދެއްވިއެވެ.
މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހު ގާއިމުކުއި ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން މިދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި އެ ކަންކަން ބެލުމުގައި ކުރިއެރުމެއް ހޯދިފައި ނުވާކަން ރިޕޯޓްގައި ފާހަގަކުރާކަމަށެވެ. މިސަރުކާރުން ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ވީ ވައުދު، ހަތަރު އަހަރު ވާން ކައިރިވެފައި ވާއިރު މިހާތަނަށް ފުއްދާފައި ނުވާކަމަށް ހުސައިން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ހުސައިން ހުށަހެޅި މައްސަލައިގައިވަނީ އެއްވެއުޅުމަށް ހުރަސްއެޅޭ ގޮތަށް ހުރި ގާނޫނުތައް އުވާލައްވާނެ ކަމަށް މިސަރުރުން ވައުދުވެ، އެ ގާނޫނުތައް އިސްލާޙު ނުކުރާކަންވެސް ފާހަގަކޮށްފައެވެ. އަދި މުޒާހަރާތަކާއި އިހުތިޖާޖަށް ހުރަސްއެޅުމުގެ ސަބަބެއްގެ ގޮތުގައި ކޮވިޑު ބޭނުންކޮށްފައިވާ ކަމަށާ އަދި މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކޮށްފައި ވާކަމަށް ހިއުމަން ރައިޓްްސް ވޮޗްގެ ރިޕޯޓާއި ހަވާލާދީ ހުސައިން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.
މީގެއިތުރުން މައްސަލައިގައި ބުނެފައިވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަކީ ރައީސް ސޯލިހްގެ ވައުދެއް ނަމަވެސް، އެކަން އިސްލާހު ނުވެ އޮތުމުން ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލިފައި ވާކަމަށެވެ.